ސަރުކާރުން ދޭ ސިޔާސީ މަގާމުތަކަކީ އެ މީހަކަަށް، ފަސް އަހަރު ދުވަހުގެ މުއްދަތަށް ދޭ ވަޒިފާއެއް ނޫން ކަަމަށް، ޗީފް ގަވާމަންޓް ސްޕޯޓްސްޕާސަން މުހައްމަދު ހުސެން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެންނެވި ބޮޑު ބަދަލާ ގުޅިގެން ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ، ސިޔަސީ ވަޒީފާތައް ލިބެނީ، ސިޔާސީ ފިކުރެއްގެ ތެރެއިން ޕާޓީއަށް ކޮށްދޭ މަސައްކަތެއްގެ ތެރެއިން ނުވަތަ އެ އޮންނަ ވަފާތެރިކަމެއްގެ ތެރެއިން ކަމަށެވެ.
ސިޔާސީ ވަޒީފާތަކުގެ ބޭނުމަކީ ވަފާތެރިކަމާއެކީގައި އެއިރެއްގައި އޮންނަ ސަރުކާރެއް، ނުވަތަ އެއިރެއްގަ ހުންނަ ރައީސުލްުޖުމްހޫރިއްޔާއެއްގެ އެންގެވުމާ އެއްގޮތަށް މަސައްކަތް ކުރުން، ކަމަށާއި. އެ ވަޒީފާތަކުގައި ތިބުން މުހިއްމީ އެ އިތުބާރާ ޔަގީންކަން އޮތް ބަޔަކު ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެއްވެސް މީހަކަށް ލިބޭ ހަދިޔާއެއް ނޫން އެއީކީ، އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑަށް ސިޔާސީ ގޮތުން އަޅުގަނޑުގެ ޕާޓީއަށް ވަފާތެރިވީތީ ފަސް އަހަރު ދުވަހަށް ފީސަބީލިއްލާހިއަށް ލިބިފަ އޮންނަ ހަދިޔާއެކޭ، ހުވައެއް ކޮށްގެން އަދި ޗިޓަކުން ނަަމަވެސް ސިޔާސީ ވަޒީފާއެއް ލިބޭ މީހާއަކީ ދައުލަތުގެ ބަޖެޓުން އުޖޫރަދޭ މީހެއް، އެއީ ރައްޔިތުންގެ ފައިސާ އެެހެންވީމަ ވާނީ ރައްޔިތުންގެ ހާދިމަކަށް" މުންދު ވިދާޅުވި އެވެ.
އެހެން ކަމުން ސިޔާސީ މަގާމެއްގައި ހުންނަ ނަމަ، ޕާފޯމަންސް ދައްކަންޖެހޭނެ ކަމަށާއި، ޕާފޯމަންސް ނުދެއްކިގެން ނިކުމެގެން ދާންޖެހޭ ހާލަތުގައި ޝަކުވާ ކޮށްގެންނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.





