ހަކަތަ ހޯދަން ޖަޕާނުން އޭޝިއާ ގައުމުތަކަށް 10 ބިލިއަން ޑޮލަރު ދޭނީ

ހަކަތަ ހޯދަން ޖަޕާނުން އޭޝިއާ ގައުމުތަކަށް 10 ބިލިއަން ޑޮލަރު ދޭނީ

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވެފައިވާ ދަތިކަމުގެ ތެރޭގައި، އޭޝިއާގެ ގައުމުތަކަށް ހަކަތަ ހޯދުމަށް އެހީތެރިވާނެ ކަމަށް ޖަޕާނުގެ ބޮޑު ވަޒީރު ސަނާއީ ޓަކައިޗީ ވައުދުވެވަޑައިގެންފި އެވެ. އަދި މި ބޭނުމަށްޓަކައި ޖަޕާނުން 10 ބިލިއަން ޑޮލަރު ދިނުމަށް ވެސް ވައުދުވެވަޑައިގެންފި އެވެ.

ޓަކައިޗީ މި ވައުދު ވެވަޑައިގަތީ އޭޝިއާގެ ލީޑަރުންނާ އެކު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގަ އެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓަކައިޗީ ވިދާޅުވީ، މި އޮނިގަނޑުގެ މަގުސަދަކީ އޭޝިއާގެ ގައުމުތަކަށް ސާފުނުކުރާ ތެލާއި ތެޔޮ އުފެއްދުންތައް ހޯދުމަށް ފަހިކޮށްދިނުމާ އެކު، ސަޕްލައި ޗޭންތައް ރައްކާތެރި ކުރުމާއި ސްޓޮކްތައް އިތުރު ކުރުން ކަމަށެވެ.

ހޮރްމޫޒް ކަނޑު އޮޅިން ދަތުރުކުރާ ތެލާއި ގޭހުގެ ގާތްގަނޑަކަށް 90 އިންސައްތަ ދަތުރުކުރަނީ އޭޝިއާ ސަރަހައްދަށެވެ. ހޮރްމޫޒް ކަނޑު އޮޅި ބަންދުވެދާ ނަމަ، ހަކަތަ ފޯރުކޮށްދިނުމަށް ބޮޑެތި ބުރޫ އެރުމުގެ ނުރައްކާ ބޮޑު ސަރަހައްދެއްގެ ގޮތުގައި އޭޝިއާ ފާހަގަ ކުރެ އެވެ.

ޖަޕާނުގެ ހާރިޖީ ވުޒާރާ އިން ބުނީ، 10 ބިލިއަން ޑޮލަރުގެ އެހީ އަކީ އާސިއާން ގައުމުތަކުން އަހަރެއްހާ ދުވަހުގެ ތެރޭ ތެޔޮ އެތެރެ ކުރާ އަދަދާ ގާތްގަނޑަކަށް ހަމަވާ އަދަދެއް ކަމަށެވެ. ބައްދަލުވުމުގައި ފިލިޕީންސް، މެލޭޝިއާ، ސިންގަޕޫރު، ތައިލެންޑް، ވިއެޓްނާމް، ބަންގްލަދޭޝް، އަދި ދެކުނު ކޮރެއާގެ ލީޑަރުން ވަނީ މި ވައުދަށް މަރުހަބާ ކިޔާފަ އެވެ.

މި ޕްރޮޖެކްޓުގައި ޖަޕާން ބޭންކް ފޯ އިންޓަނޭޝަނަލް ކޯޕަރޭޝަން، ނިޕޯން އެކްސްޕޯޓް އެންޑް އިންވެސްޓްމަންޓް އިންޝުއަރެންސް، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ، އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ވެސް ބައިވެރިވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *