500 ސިޔާސީ މުވައްޒަފުން ވަކިކުރާ ވާހަކައަކީ ދޮގެއް: ތަރުޖަމާނު

500 ސިޔާސީ މުވައްޒަފުން ވަކިކުރާ ވާހަކައަކީ ދޮގެއް: ތަރުޖަމާނު

މާލެ، ދިވެހިރާއްޖެ: ސަރުކާރުގެ އެކި މިނިސްޓްރީތަކުން 500 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ދޮގުކުރައްވައިފިއެވެ.

ސަރުކާރުގެ ތަރުޖަމާން މިކަން ހާމަކުރެއްވީ، ސަރުކާރުގެ މިނިސްޓްރީތަކުން 500 ސިޔާސީ މުވައްޒަފުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެ މުވައްޒަފުންގެ ލިސްޓު މިނިސްޓަރުން ރައީސާ ހިއްސާކޮށްފައިވާ ކަމަށް މީޑިއާގައި ރިޕޯޓްކުރުމާ ގުޅިގެންނެވެ. ބައެއް މީޑިއާ ރިޕޯޓްތަކުގައިވާ ގޮތުން އެ ލިސްޓުގައި ވަކިކުރަން ނިންމާފައިވާ މުވައްޒަފުންގެ ނަމާއި އެ މީހުން ނިސްބަތްވާ ދާއިރާތައް ވެސް ހިމަނާފައިވެއެވެ.

މިކަމާ ގުޅިގެން "ސަންގު" އިން ސުވާލު ކުރުމުން މުންދު ވިދާޅުވީ، އެފަދަ އަދަދެއްގެ މުވައްޒަފުން ވަކިކުރާކަން އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް، މިނިސްޓްރީތައް ބަދަލުކުރުމާއި، އެއްކުރުމާއި އަދި ބައެއް އިދާރާތައް އުވާލުން ފަދަ ކަންކަން މީގެކުރިންވެސް ހިނގާފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުގެ އޮނިގަނޑަށް އެފަދަ އިދާރީ ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ކުރުމުގައި އެފަދަ ބަދަލުތައް ގެނައުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ބައެއް މިނިސްޓްރީތަކުގެ އޮނިގަނޑަށް ބަދަލުތައް އަންނާނެ ކަމަށެވެ.

"މިހާރުވެސް ދަނީ މުވައްޒަފުންގެ ޕާފޯމަންސް ބަލަމުން،" މުންދު ވިދާޅުވިއެވެ.

މުންދު އިތުރަށް ވިދާޅުވީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށް ބިނާކޮށް މީހުން ވަކިކުރުމާއި އައްޔަނުކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ. އަދި މިފަދަ ބަދަލުތައް އަންނައިރު ވަކި އަދަދެއް ބުނަން ދަތިވި ނަމަވެސް، ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *