އީރާނުން ހުރްމުޒް ކަނޑުުއޮޅި ހުޅުވުމުން މިފަހަރު ބަންދު ކުރަން ނިންމީ ޓްރަމްޕް

އީރާނުން ހުރްމުޒް ކަނޑުުއޮޅި ހުޅުވުމުން މިފަހަރު ބަންދު ކުރަން ނިންމީ ޓްރަމްޕް

އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ ސުލްހައިގެ މަޝްވަރާތައް އެއްވެސް ނަތީޖާއެއް ނުނިކުމެ ނިމުމަކަށް އައުމާ ގުޅިގެން، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހުރްމުޒް ކަނޑުއޮޅި ބަންދުކުރަން ނިންމާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކޮށްފިއެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ހަނގުރާމައާ ގުޅިގެން ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެތަން ހުޅުވަން އީރާނުން ނިންމާފައިވާ ކަމެވެ. އަދި ކޮންމެވެސް ވަރަކަށް އުޅަނދުފަހަރު ތެޔޮ އުފުލައިގެން ދަތުރުތައް ފަށައި މަޑުމަޑުން ކަންކަން ހަމަޔަކަށް އެޅެން ފަށާފައިވާ ކަމެވެ.

މި ނިންމެވުން ޓްރަމްޕް ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ޓްރަމްޕް ބުނި ގޮތުގައި އީރާނާއެކު ބޭއްވުނު މަޝްވަރާތަކުގައި އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވަނީ އީރާނުގެ ހަރުކަށި އަމަލުތަކުގެ ސަބަބުންނެވެ. އަދި މިކަމުގެ ސަބަބުން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވާތީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރު ހުއްޓުވުމަށް އެމެރިކާގެ އަސްކަރިއްޔާއަށް މިހާރު ވަނީ އަމުރު ކޮށްފައެވެ.

ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގައި އުފައްދާ ތެލުގެ ބޮޑު ބައެއް ބޭރުގެ ގައުމުތަކަށް އުފުލާ މައިގަނޑު މަގަށް ވުމާއެކު، މި ނިންމުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމަށް އިގްތިސާދީ މާހިރުން އަންދާޒާ ކުރެއެވެ.

އީރާނުގެ ސަރުކާރުން މިކަމާ ގުޅޭގޮތުން ބުނެފައިވަނީ އެމެރިކާގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު، އުދުވާނީ އަމަލެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ގެއްލި، ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައެވެ.

މި ނިންމުމާ ގުޅިގެން ދުނިޔޭގެ ބޮޑެތި ބާރުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްޞަކޮށް ވިލާތުގެ ގައުމުތަކާއި ޗައިނާއިން ވަނީ ދެ ގައުމުންވެސް މަޝްވަރާގެ މޭޒަށް އެނބުރި އައުމަށް ގޮވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *