ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު ކެޓަލާން ޑާރބީގައި އެސްޕަނިއޯލް 4-1 ގެ ނަތީޖާއަކުން ބަލިކޮށް، ބާސެލޯނާ އިން ލީގު ޗެންޕިއަންކަން ހޯދުމުގެ ފުުރުސަތު ބޮޑުކޮށްފި އެވެ.
ސްޕޮޓިފައި ކޭމްޕް ނޯ ގައި 60،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބޯޅަ ގިނަ ވަގުތު ހިފަހައްޓައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ހޯދީ ބާސެލޯނާ އިންނެވެ.
ފަހި ކިފާއަތުން ލަނޑު ފެށީ 9 ވަނަ މިނިޓުގައެވެ. ލަމީން ޔަމާލްގެ ހުނަރުވެރި ޕާހަކުން ފެރާން ޓޮރޭޒް ލީޑު ނަގައިދިނެވެ. ފަތިހެ 25 ވަނަ މިނިޓުގައި ދެވަނަ ފަހަރަށް ވެސް ލަމީންގެ ހަމަ އެ ޕާހުން ފެރާން ޓޮރޭޒް ވަނީ ލަނޑެއް ވިއްދައި ފަރަގު ދެ ލަނޑަށް ބަދަލުކޮށްލާފަ އެވެ.
ދެ ލަނޑުގެ ލީޑެއްގައި ދެ ވަނަ ހާފަށް ނިކުތް ބާސެލޯނާ ހިތްހަމަ ނުޖެހޭ ވަގުުތު ކޮޅަކާ ކުރިމަތިވި ވެ. ދެ ވަނަ ހާފު ފެށި 11 ވަނަ މިނިޓުގައި އެސްޕަނިއޯލްގެ ޕޮލް ލޮޒާނޯ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ 2-1 ކަމަށް ބަދަލުކޮށްލި ވެ.
ނަމަވެސް، ފުުރިހަމަ ވަގުުތު ހަމަވާން ތިން މިނިޓު ވެފައި ވަނިކޮށް ލަމީން ޔަމާލް ތިން ވަނަ ލަނޑު ޖެހި އެވެ. ދެ މިނިޓު ފަހުން މާކަސް ރަޝްފޯޑް ހަތަރު ވަނަ ލަނޑު ޖަހައި ނަތީޖާ 4-1 ކަމަށް ތަފާތު ބޮޑުކުރި އެވެ.
އުމުރުން 18 އަހަރާއި 272 ދުވަހުން ބާސެލޯނާ އަށް 100 މެޗު ކުޅެދީ މި މެޗުގައި ލަމީން ޔަމާލް ވަނީ އެ ކްލަބަށް 100 މެޗު ކުޅެދިން އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.
މި މެޗުން ބާސެލޯނާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ތާވަލުގެ ކުރީގައި 9 ޕޮއިންޓުގެ ލީޑެއް ހޯދާފަ އެވެ. ބާސެލޯނާއަށް 31 މެޗުން 79 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 70 ޕޮއިންޓެވެ.





