މިފްކޯއިން މަސްދަޅުގެ އަގު ބޮޑުކުރުމަށްފަހު އަލުން އަގު ކުޑަކޮށްފިއެވެ.
މިފްކޯއިން މަސްދަޅުގެ އަގުބޮޑުކޮށްފައިވަނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން ކަމަށްބުނެއެވެ.
މިފްކޯއިން ބުނީ މިދިޔަ މަހުގެ ކުރިން 11.57 ރުފިޔާއަށް ލީޓަރެއް ލިބެމުންދިޔަ ތެޔޮ މިހާރު މިފްކޯއަށް ލިބެނީ 14.32 ރުފިޔާއަށް ކަމަށެވެ. އެހެންކަމުން 17.50 ރުފިޔާއަށް ވިއްކަމުންދިޔަ ތެޔޮ މަސްދަޅުގެ އަގު 18.50 ރުފިޔާއަށް ބޮޑުކުރާ ކަމަށް މިފްކޯ އިން ބުންޏެވެ.
މިފްކޯއިން މިރޭ ބުނީ ތެޔޮ މަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލާ ގުޅިގެން، ރައްޔިތުންގެ ހިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިއާޔަތްކޮށް، ކުރިން އޮތްގޮތަށް މަސްދަޅުގެ އަގު ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50 ރުފިޔާއަށް އަދި ތެޔޮ މަސްދަޅު ކޭހެއް 760 ރުފިޔާއަށް ލިބޭނެ ކަމަށާއި އެ ކުންފުނިން އަބަދުވެސް ބަލާނީ ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީ އެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށް މިފްކޯއިން ބުންޏެވެ.





