އިންޑޮނޭޝިއާގެ ތާނާޓޭ ސިޓީ ކައިރީ އުތުރު މޮލުއްކާ ކަނޑަށް ރިކްޓަރ މިންގަނޑުން 7.4 ގެ ބިންހެލުމެއް އައިސް، އެކަކު މަރު ވެއްޖެއެވެ.
ޔޫ.އެސް.ޖީ.އެސް. އިން ހާމަކުރި ގޮތުގައި، ބިންހެލުން އުފެދިފައިވަނީ ބިމުގެ 35 ކިލޯމީޓަރު އަޑިން، ތާނާޓޭ ސިޓީން ގާތްގަނޑަކަށް 120 ކިލޯމީޓަރު ދުރު ސަރަހައްދަކުންނެވެ. ބިންހެލުން ވަގުތުން ވަގުތަށް ފުރާނައަށް ނުރައްކާ ވިކަމުގެ ރިޕޯޓެއް ލިބިފައި ނުވި ނަމަވެސް، ބައެއް އިމާރާތްތަކަށް ގެއްލުން ލިބިފައިވާ ތަސްވީރުތައް މީޑިއާތަކުން ދައްކާފައިވެއެވެ.
އުތުރު ސުލަވެސީ ޕްރޮވިންސްގެ މަނާޑޯ ސިޓީގައި، ވެއްޓުނު އިމާރާތެއްގެ ދަށުވެ އެކަކު މަރުވި ކަމަށް ސާޗް އެންޑް ރެސްކިއު އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ. ހަމަ އެ ހާދިސާގައި އިތުރު މީހެއްގެ ފަޔަށް ވެސް އަނިޔާ ލިބިފައިވެއެވެ.
ހަވާއީގައި ހުންނަ ޕެސިފިކް ސުނާމީ ވާރނިންގ ސެންޓަރުން ފުރަތަމަ ނެރުނު އިންޒާރުގައި، ބިންހެލުން އުފެދުނު ސަރަހައްދުން 1,000 ކިލޯމީޓަރުގެ ވިކަށް ހިމެނޭ އިންޑޮނޭޝިއާ، ފިލިޕީންސް، އަދި މެލޭޝިއާގެ އައްސޭރިފަށަށް ސުނާމީ ރާޅު އެރުމުގެ ފުރުސަތު ގިނަ ކަމަށް ބުންޏެވެ. ނަމަވެސް، ދެ ގަޑިއިރު ފަހުން ނުރައްކާ ފިލާފައިވާ ކަމަށް ބުނެ އިންޒާރު ވަނީ އުވާލާފައެވެ. ބިންހެލުމާ ގުޅިގެން އުތުރު ސުލަވެސީގެ ބައެއް ސަރަހައްދުތަކަށް 20 އާއި 75 ސެންޓިމީޓަރާ ދެމެދުގެ ރާޅުތައް ވެސް ވަނީ އަރާފައެވެ.
އިންޑޮނޭޝިއާ އޮންނަ "ޕެސިފިކް ރިންގް އޮފް ފަޔަރ" ސަރަހައްދަކީ ބިމުގެ ގުދުރަތީ ފަށަލަތައް ބައްދަލުވެ، ބިންހެލުންތަކާއި އަލިފާން ފަރުބަދަ ގޮވުން ގިނައިން ހިނގާ ސަރަހައްދެއް ކަމެވެ.





