ޓްރަމްޕް ބޭނުން ވަނީ ހަނގުރާމައިގެ ޚަރަދު އަރަބި ގައުމުތަކުން ހޯދަން

ޓްރަމްޕް ބޭނުން ވަނީ ހަނގުރާމައިގެ ޚަރަދު އަރަބި ގައުމުތަކުން ހޯދަން

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ޚަރަދުތައް ހަމަޖެއްސުމަށް އަރަބި ގައުމުތަކުގެ ކިބައިން އެހީ ހޯދުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގަސްދު ކުރައްވާ ކަމަށް ވައިޓް ހައުސްއިން ހާމަކޮށްފިއެވެ.

ތަރުޖަމާނު ކެރޮލީން ލީވިޓް ވިދާޅުވީ، 1990 ވަނަ އަހަރުގެ ގަލްފް ހަނގުރާމައިގައި ސަރަހައްދީ ގައުމު ތަކުން 54 ބިލިއަން ޑޮލަރު ދިން ފަދައިން، މިފަހަރުވެސް ހަމަ އެ އުސޫލުން ކުރިއަށް ދިއުމަކީ ރައީސްގެ ވިސްނުންފުޅު ކަމަށެވެ. ނަމަވެސް ވަކި ގޮތެއް ނިންމަވަމުން ދިއުމާ ހަމައަށް ތަފްސީލު ހާމަ ނުކުރައްވާނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ހަނގުރާމައިގެ ޚަރަދުތަކަށް ބަލާއިރު، ފުރަތަމަ ހަ ދުވަހު 11.3 ބިލިއަން ޑޮލަރު ހަރަދުވި ކަމަށް އެމެރިކާ މީޑިއާ ރިޕޯޓް ކޮށްފައިވެއެވެ. 12 ދުވަހުގެ ތެރޭގައި ސެންޓަރ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްގެ އަންދާޒާ ތަކަށް ބަލާއިރު، ހަނގުރާމައިގެ ޚަރަދު 16.5 ބިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. ހަނގުރާމައަށް 31 ދުވަސް ވެފައިވާ ކަމަށްވާ ހިނދު، ވައިޓް ހައުސްއިން ދަނީ ހަނގުރާމައިގެ ޚަރަދާއި އަސްކަރީ ކޮލިތައް އާކުރުމަށް ކޮންގްރެސްގައި 200 ބިލިއަން ޑޮލަރަށް އެދެމުންނެވެ.

ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން ދެ ފަރާތުގެ ހިޔާލު ތަފާތެވެ. ޓްރަމްޕާ ގާތް ގުޅުމެއް ބާއްވާ ކޮމެންޓޭޓަރ ހެނިޓީ ބުނެފައިވަނީ، ހަނގުރާމައިގެ ހުރިހާ ޚަރަދެއް އީރާންގެ ތެލުން ދެއްކަން ޖެހޭ ކަމަށެވެ. ނަމަވެސް، ހަނގުރާމަ ހުއްޓާލެވޭނީ ލިބިދިޔަ ގެއްލުމުގެ ބަދަލު އެމެރިކާ ދިނުމުން ކަމަށް އީރާނުން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *