އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަނެއްގައި ކުރުދީ ޖަމާއަތްތައް ބައިވެރި ކޮށްފިނަމަ، ސީދާ އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ ހަރުކަށި އިންޒާރު ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އެމެރިކާ އާއި އިރާގަށް ދެއްވައިފިއެވެ.
ތުރުކީގެ ނޫސް އޭޖެންސީ "ތުރުކިޔޭ" ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އިންޒާރު އަމާޒު ކޮށްފައިވަނީ އެމެރިކާ ސަރުކާރުގެ އިތުރުން އިރާގު ސަރުކާރަށާއި ކުރުދީ ބާރު ތަކަށެވެ.
ތުރުކީ ސަރުކާރަށް ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު، އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުން ދަނީ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) އާއި، އޭގެ އީރާން ގޮފި ކަމަށްވާ ޕީވައިއޭކޭ އާ ގުޅިގެން މަޝްވަރާތައް ހިންގަމުންނެވެ. ތުރުކީން ޓެރަރިސްޓް ޖަމާއަތްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި ގްރޫޕްތައް، އީރާނާ ދެކޮޅަށް ބޭނުން ކުރުމަކީ މި މަޝްވަރާ ތަކުގެ ބޭނުން ކަމަށް ތުރުކީ ސަރުކާރުން ދެކެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ފޯނުން ވާހަކަ ދައްކަވަމުން، ތުރުކީން މިފަދަ ކަމަކަށް ދެކޮޅު ހަދާކަން ރައީސް އުރުދުޣާން ވަނީ ސާފު ކޮށްދެއްވާފައެވެ. އީރާނުގެ ސަރަހައްދީ ނުގުޑާ ފުރިހަމަކަން ދެމެހެއްޓުމަކީ ތުރުކީގެ ސާފު ސިޔާސަތެއްކަން ފާހަގަ ކުރައްވައި، ސީރިއާގައިވެސް އަމަލުކުރި ފަދައިން ކޮންމެ ހާލަތެއްގައިވެސް ތުރުކީ ތަދައްހުލުވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެއްވެސް ބަހަނާއެއް އަޑު ނާހާނަން. އަޅުގަނޑުމެން ހަމަލާދޭނަން. ސީރިއާގައި ވީގޮތް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، މިތަނުގައިވެސް އަޅުގަނޑުމެން އަމަލު ކުރާނީ އެގޮތަށް،" ރައީސް އުރުދުޣާން ވިދާޅުވިއެވެ.
ސަރަހައްދީ ހަނގުރާމަ އިތުރަށް ފެތުރުމަށް ކުރެވޭ ކިތަންމެ ކުޑަ މަސައްކަތަކާ ދެކޮޅަށްވެސް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަންވެސް ރައީސް އުރުދުޣާން ދެއްވިއެވެ. ގަލްފުގެ ގައުމުތައް ހަނގުރާމައިގެ ތެރެއަށް މިހާތަނަށް ނުވަދެ އޮތުމުގައިވެސް ތުރުކީގެ ދައުރު ބޮޑު ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މި ބަޔާންތަކާ ގުޅިގެން މެދުއިރުމަތީ ސަރަހައްދުގެ ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި، ތުރުކީން ތަކުރާރުކޮށް ބުނަމުން ދަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ހަރަކާތަކަށް ދެން ދޫދޭނެ ކަމަށެވެ.





