ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށްޓަކައި އުފައްދާ ބައިނަލްއަގުވާމީ ކަނޑުގެ ލަޝްކަރެއްގައި ބައިވެރިވުމަށް ތައްޔާރަށް އޮތްކަން ޔުނައިޓެޑް ޕއެރަބް އެމިރޭޓްސް އިން އެމެރިކާއަށާއި ހުޅަނގުގެ ގައުމުތަކަށް އަންގައިފި ކަމަށް މަޝްހޫރު ނޫސް "ފައިނޭންޝަލް ޓައިމްސް" އިން ރިޕޯޓުކޮށްފިއެވެ.
މި މައުލޫމާތު އެ ނޫހަށް ދީފައިވަނީ މިކަމުގެ ހަގީގީ މައުލޫމާތު އެނގޭ އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީއެވެ.
ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމުޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ޔޫ.އޭ.އީ އިން ވަނީ އިސްނަގާފައެވެ.
މި ލަޝްކަރުގެ މައިގަނޑު ބޭނުމަކީ ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރަށް ހުރަސްއެޅިފައިވާ މި ދަނޑިވަޅުގައި، ކަނޑުއޮޅި އަލުން ހުޅުވައި އަމާންކަން ގާއިމުކުރުމެވެ.
މި މަސައްކަތުގައި ވޮޝިންޓަނާއި ހުޅަނގުގެ އެހެން ބާރުތަކާއެކު ގާތުން މަސައްކަތް ކުރުމަށް ޔޫ.އޭ.އީ އިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
މި ނިންމުމަކީ މެދުއިރުމަތީގެ މަސްރަހު މިހާރު އޮތް ގޮތުން، ސަރަހައްދީ ހަމަޖެހުމަށާއި ދުނިޔޭގެ އިގްތިސާދަށް އަތުވެދާނެ ލޮޅުން ތަކަކުން ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މުހައްލިލުން ދެކެއެވެ.





