ހަނގުރާމައިގައި އަސްކަރީ ސާމާނު ހަލާކުވެގެން އެމެރިކާއަށް ބިލިއަނުން ގެއްލުން ވެއްޖެ

ހަނގުރާމައިގައި އަސްކަރީ ސާމާނު ހަލާކުވެގެން އެމެރިކާއަށް ބިލިއަނުން ގެއްލުން ވެއްޖެ

އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ ބިލިއަނުން އަގުހުރި އަސްކަރީ ވަސީލަތްތަކާއި ސާމާނު ހަލާކުވެ ނުވަތަ ގެއްލިފައިވާ ކަމަށް އެންމެ ފަހުގެ ރިޕޯޓުތަކުން ހާމަވެއްޖެއެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ހަވާލާދީ "މިޑްލް އީސްޓް މޮނީޓާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ގެއްލުންތަކުގެ ބޮޑު ބައެއް ކުރިމަތިވީ އިރާނުން ދެމުންދާ މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ސަބަބުންނެވެ.

ޕެންޓަގަންގެ ކުރީގެ ބަޖެޓް އޮފިޝަލެއް ކަމަށްވާ އިލޭން މެކްކަސްކާ ހާމަކުރެއްވި ގޮތުގައި، ހަނގުރާމައިގެ ފުރަތަމަ ތިން ހަފުތާގެ ތެރޭގައި އެމެރިކާއަށް ލިބުނު މާލީ ގެއްލުން 1.4 ބިލިއަނާއި 2.9 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރައެވެ. މީގެ ތެރޭގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ ބޯޓުފަހަރާއި ރާޑަރު ސިސްޓަމްތައް ހިމެނެއެވެ.

މަތިންދާބޯޓުތައް: މާޗް މަހުގެ ކުރީކޮޅު ކުވައިތުގެ މަތިންދާބޯޓަކުން އޮޅުމަކުން ދިން ހަމަލާއެއްގައި އެމެރިކާގެ ތިން F-15E ފައިޓަރ ޖެޓް ވައްޓާލާފައިވެއެވެ. މީގެ އިތުރުން، އިރާނުގެ ހަމަލާއެއްގައި ގެއްލުން ލިބިގެން އެމެރިކާގެ އެންމެ އަގުބޮޑު F-35 ސްޓެލްތް ޖެޓެއް ކުއްލި ހާލަތުގައި ޖައްސަން ޖެހުނެވެ. އަދި ތެޔޮ އަޅައިދޭ ދެ ބޯޓެއް (KC-135) ވައިގެ ތެރޭގައި މުޑިއަރައިގެން 6 ފަޅުވެރިން މަރުވެފައިވެއެވެ.

ޑްރޯން: އެމެރިކާގެ 12 އަށްވުރެ ގިނަ MQ-9 ރީޕަރ ޑްރޯން ވަނީ ވައްޓާލާފައި ނުވަތަ ބިމުގައި އޮއްވާ ހަލާކުކޮށްލާފައެވެ.

ގަތަރުގައި ހުންނަ އަލް-އުދައިދު އެއާ ބޭސްގައި ހުރި 1.1 ބިލިއަން ޑޮލަރުގެ އަގުހުރި ރާޑަރު ސިސްޓަމަކަށް އިރާނުން ވަނީ ސީދާ ހަމަލާދީފައެވެ. މީގެ އިތުރުން ޔޫއޭއީ އާއި އުރުދުންގައި ހުރި "ތާޑް" (THAAD) މިސައިލް ޑިފެންސް ސިސްޓަމްގެ ރާޑަރުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

އެމެރިކާގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު "ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް" ގައި އަލިފާނުގެ ހާދިސާއެއް ހިނގައި، މިހާރު އެ މަނަވަރު އޮތީ ގްރީސްގެ ބަނދަރެއްގައި މަރާމާތަށެވެ.

މި ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 13 ސިފައިން މަރުވެ، 290 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެމެރިކާގެ ޕެންޓަގަނުން މިހާރު ވަނީ މި ގެއްލުންތައް ފޫބެއްދުމަށާއި ހަނގުރާމަ ކުރިއަށް ގެންދިއުމަށް އިތުރު 200 ބިލިއަން ޑޮލަރުގެ ބަޖެޓަކަށް އެދިފައެވެ.

މި ހަނގުރާމަ ފެށުނީ މިދިޔަ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ގުޅިގެން އިރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެންނެވެ. އިރާނުން އަންނަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ވަރުގަދަ ރައްދު ހަމަލާތަކެއް ދެމުންނެވެ. އޭގެ ތެރޭގައި ބަހުރޭންގައި ހުންނަ އެމެރިކާގެ ފިފްތް ފްލީޓްގެ މައި މަރުކަޒަށް ދިން ހަމަލާތައް ފާހަގަކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *