ޢީދު ބައިބަލާ ޗެލެންޖު 1447ގެ ގަދަ ފަޅީގެ ކުއާޓަރ ފައިނަލަށް ޓީމުތައް ދަތުރުކޮށްފިއެވެ. ރޭ ކުޅެވުނު 8 މެޗުން މޮޅުވި ޓީމުތައް ގަދަ ފަޅީގެ ކުއާޓަރ ފައިނަލް ޔަގީންކުރި އިރު، ބަލިވި ޓީމުތައް ދިޔައީ ބަލި ފަޅީގެ ތިންވަނަ ބުރަށެވެ.
ރޭގެ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބާއި އޮޑި ޓައިޓަންސް ބައްދަލުކޮށް، ދެ ގޭމުން ކާމިޔާބު ހޯދައި ކުއާޓަރ ފައިނަލް ޔަގީންކުރީ އޮޑި ސްޕޯޓްސް ކްލަބެވެ. ފުރަތަމަ ގޭމް 19-2 ން، ދެވަނަ ގޭމް 7-4 ންނެވެ. ހަސަން މާހިރު ހޯދީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމެވެ.
ދެވަނަ މެޗުގައި ކްލަބް އޯވަންއޯ ވަނީ ޖޭއީބީ ޔުނައިޓެޑް ދެ ގޭމުން ބަލިކޮށް ކުއާޓަރ ޔަގީންކޮށްފައެވެ. ފުރަތަމަ ގޭމް 10-7 ންނާއި ދެވަނަ ގޭމް 16-6 ންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއާ ކަމުގައި ހޮވުނީ ކްލަބް އޯވަންއޯގެ އިސްމާއިލް ޒިހާންއެވެ.
ތިންވަނަ މެޗުގައި ކްލަބް ޒެފްރޯލް ވަނީ ދަ ވަން ސްޕޯޓްސް ކްލަބް ފަސޭހަ ކަމާއެކު ބަލިކޮށް ކުއާޓަރ ފައިނަލް ޔަގީންކޮށްފައެވެ. ފުރަތަމަ ގޭމް 20-1 ންނާއި، ދެވަނަ ގޭމް ދަ ވަން ސްޕޯޓްސް ކްލަބުން ދޫކޮށްލުމާ ގުޅިގެން ނެގިއެވެ. ޒެފްރޯލްގެ އަލީ ޝިހާން ހަސަން ހޮވުނީ މެޗުގެ މޮޅު ކުޅުންތެރިއާ ކަމުގައެވެ.
ހަތަރުވަނަ މެޗުގައި ދިޔަ އަހަރުގެ ސަޕްރައިޒިންގ ޓީމު ޒެޕޯ ވަނީ ދަ ބީޖީސް ތަފާތު ބޮޑުކޮށް ބަލިކޮށް ގަދަ 8 ޓީމުގެ ތެރެއިން ޖާގަ ހޯދާފައެވެ. ފުރަތަމަ ގޭމް 19-0 ންނާއި ދެވަނަ ގޭމް 6-5 ންނެވެ. ޒެޕޯގެ އަހުމަދު ޖަބީން އަބްދުﷲ ހޮވީ މެޗުގެ މޮޅު ކުޅުންތެރިއާ ކަމުގައެވެ.
ލޮރެންޒޯ ސްޕޯޓްސް ކްލަބް ވެސްޓް ސްޕޯޓްސް ކްލަބްގެ މައްޗަށް ދެ ގޭމުން ކުރި ހޯދައި ކުއާޓަރ ފައިނަލްގެ ޖާގަ ހޯދިއެވެ. ފުރަތަމަ ގޭމް 17-1 ން، ދެވަނަ ގޭމް 7-6 ންނެވެ. ލޮރެންޒޯގެ އިބްރާހިމް ރަޝީދު ހޮވީ މެޗުގެ މޮޅު ކުޅުންތެރިއާ ކަމުގައެވެ.
ބައިބަލާގެ ރަސްގެފާނުންގެ ގޮތުގައި ފާހަގަވާ ބީޖީ ސްޕޯޓްސް ކްލަބް، އަލްފާ ވުލްވްސްއާ ބައްދަލުކޮށް ދެ ގޭމުން ކުރި ހޯދިއެވެ. ފުރަތަމަ ގޭމް 7-4 ންނާއި ދެވަނަ ގޭމް ހުރިހާ ކުޅުންތެރިން ނުބައިކުރުވައި 20-0 ން ކާމިޔާބު ހޯދިއެވެ. ބީޖީގެ ފަރަޙް ޝާމް ހޮވީ މެޗުގެ މޮޅު ކުޅުންތެރިއާ ކަމުގައެވެ.
ރޭގެ ހަތްވަނަ މެޗު، ކާސިންޖާސް އާއި ވީއެންޓީ ސްޕޯޓްސް ބައްދަލުކުރި މެޗަކީ ރޭގެ އެންމެ ފޯރިގަދަ ކުރިމަތިލުމެވެ. ދެ ޓީމު ވެސް ގޭމެއް ނެގުމަށްފަހު، ގަދަ ހިފުމުގައި 3-2 ން ކުރި ހޯދައި ވީއެންޓީ ގަދަ 8 ގެ ތެރެއިން ޖާގަ ހޯދިއެވެ. ވީއެންޓީގެ އަހުމަދު މުއާޒް ހޮވީ މެޗުގެ މޮޅު ކުޅުންތެރިއާ ކަމުގައެވެ.
ފަހު މެޗުގައި ދަ ވުލްވްސް ވަނީ ކުރީ ޗެމްޕިއަން ޓީއެފްޓީ ދެ ގޭމުން ބަލިކޮށް ގަދަ 8 ޓީމުގެ ތެރެއިން ޖާގަ ހޯދާފައެވެ. ފުރަތަމަ ގޭމް 17-1 ންނާއި ދެވަނަ ގޭމް 6-4 ންނެވެ. ދަ ވުލްވްސްގެ ހަމްދު އަލީ ހޮވީ ހެދި ކެލިގެ ކުޅުންތެރިއާ ކަމުގައެވެ.





