އަހަރެމެންގެ ސިފައިން ވަރުބަލި ވެއްޖެ: އިޒްރޭލް ސިފައިންގެ ވެރިޔާ

އަހަރެމެންގެ ސިފައިން ވަރުބަލި ވެއްޖެ: އިޒްރޭލް ސިފައިންގެ ވެރިޔާ

އިޒްރޭލްގެ އަސްކަރިއްޔާގެ ވެރިޔާ އިޔާލް ޒަމީރު، އެ ގައުމުގެ ކެބިނެޓަށް ސީރިއަސް އިންޒާރެއް ދީފިއެވެ.

އޭނާ ހާމަކުރި ގޮތުގައި، ގާޒާ، ލުބުނާން އަދި އީރާނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ހަނގުރާމަތަކުގެ ސަބަބުން އިޒްރޭލް ސިފައިން މިހާރު ތިބީ މުޅިން ވަރުބަލިވެ، އަސްކަރިއްޔާ ބަނގުރޫޓުވުމުގެ (Collapse) މަގުމަތީގައެވެ.

މި އިންޒާރު ދީފައިވަނީ އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ސިޔާސީ މަންފާއަށްޓަކައި ހަނގުރާމަ އިތުރަށް ފުޅާކުރުމަށް ބާރުއަޅަމުންދާ ދަނޑިވަޅެއްގައެވެ.

ނަތަންޔާހޫގެ މި ނިންމުންތަކަކީ އާންމުންގެ ރައްކާތެރި ކަމަށްވުރެ ބޮޑަށް އޭނާގެ ސިޔާސީ މަގާމު ދެމެހެއްޓުމަށް ކުރާ ކަމެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އިޒްރޭލްގެ އަސްކަރިއްޔާގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅޭގޮތުން ޒަމީރު ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ސިފައިންގެ ހިތްވަރު އެލުމާއި، ރިޒާވް ފޯސް ނުވަތަ އިތުރު ސިފައިންގެ ގޮތުގައި ތިބޭ މީހުން ހަނގުރާމައަށް ނުކުތުމަށް އިންކާރުކުރުން ހިމެނެއެވެ.

މީގެ އިތުރުން، ހަނގުރާމަ ދިގުލައިގެން ދިއުމުގެ ސަބަބުން އަސީރުންގެ ފުރާނައަށް ހުރި ނުރައްކާ ބޮޑުވަމުންދާކަމުގެ ބިރުވެސް އޭނާ ވަނީ ފާޅުކޮށްފައެވެ.

ޔަހޫދީ ސިފައިންގެ ވެރިޔާގެ މި އިންޒާރަކީ، އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށާއި އަވަށްޓެރި ގައުމުތަކަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ އަސްކަރީ ގާބިލުކަން ކުޑަވެ، އެތެރެއިން ރޫޅެމުންދާކަން ހާމަވެގެންދިޔަ ކަމެކެވެ.

އިޒްރޭލުން ކުރަމުންދާ މި ހަނގުރާމައާ ދެކޮޅަށް ބައިނަލްއަގުވާމީ ދުނިޔޭގެ ޕްރެޝަރުވެސް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *