ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި އެތައް ހާސް ބަޔަކު ނުކުމެ، އިޒްރޭލުގެ ކުޅިވަރު ކްލަބްތައް ޔޫރަޕްގެ ފުޓްބޯޅަ އަދި އެހެނިހެން މުބާރާތް ތަކުން ސަސްޕެންޑް ކުރުމަށް ގޮވާލައި ވަރުގަދަ އިހުތިޖާޖެއް ބާއްވައިފިއެވެ.
މި މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ ގާޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން، ރަޝިޔާއާ މެދު އަމަލުކުރި ފަދައިން އިޒްރޭލާ މެދުވެސް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
މުޒާހަރާގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި، ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިޔާގެ ކްލަބްތައް ވަގުތުން ސަސްޕެންޑް ކުރި ނަމަވެސް، އިޒްރޭލާ މެދު ބައިނަލްއަގުވާމީ ކުޅިވަރު އިދާރާތަކުން (ޚާއްސަކޮށް UEFA) އަމަލުކުރަނީ ތަފާތުކޮށްނެވެ.
މުޒާހަރާގައި ބޭނުންކުރި ބެނާ ތަކުގައި "އިޒްރޭލަށް ރަތް ކާޑެއް" ދިނުމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ އަނިޔާތައް ހުއްޓާލުމަށް ބާރުއަޅާފައިވެއެވެ.
އިޒްރޭލުން ކުޅިވަރުގެ ވަސީލަތްތައް ބޭނުންކޮށްގެން އެގައުމުގެ "ސޫރަ" ރީތިކުރަން މަސައްކަތް ކުރާ ކަމަށް މުޒާހަރާގެ އިންތިޒާމު ކުރި ފަރާތްތަކުން ބުނެއެވެ.
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސްޕެއިން ސަރުކާރަށާއި ޔޫރަޕްގެ އިއްތިހާދަށް ބާރު ފޯރުވައި، އިޒްރޭލުގެ ކްލަބްތައް ޔޫރަޕްގެ ޗެމްޕިއަންސް ލީގާއި އެހެނިހެން ލީގުތަކުން ވަކިކުރުމަށް މަސައްކަތް ކުރުމެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި "އިންސާނީ ހައްގުތަކަށް އިހުތިރާމް ނުކުރާ ބަޔަކަށް ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި ޖާގައެއް އޮވެގެން ނުވާނެއެވެ."
މި މުޒާހަރާއަކީ ފަލަސްތީނުގެ ހައްގުގައި މުޅި ޔޫރަޕްގައި ކުރިއަށްދާ ސިލްސިލާ ހަރަކާތްތަކުގެ ބައެކެވެ. މީގެ ކުރިންވެސް ބައެއް ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުން ވަނީ މިފަދަ ފިޔަވަޅުތައް އެޅުމަށް ފީފާ ގައިވެސް އެދިފައެވެ.





