އިސްރާއީލުގެ "ޗެނަލް 12″ އާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ފެބުރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ކުރިއަށްދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އީރާނުން ވަނީ ހަރުކަށި ޝަރުތުތަކެއް ހުށަހަޅާފައެވެ.
މި ޝަރުތުތައް ހުށަހަޅާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާން ކުރެއްވި ނުސީދާ މަޝްވަރާ ތަކުގެ ތެރެއިންނެވެ.
އީރާނުން ހުށަހެޅި ޝަރުތުތައް:
އީރާނުގެ އޮފިޝަލުން ބޭނުންވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ތިރީގައިވާ ކަންކަން ކަށަވަރު ކުރުމަށެވެ.
1- ހަނގުރާމަ އަލުން ނުފަށާނޭކަމުގެ ވަރުގަދަ ޔަގީންކަމެއް ދިނުން.
2،- އަސްކަރީ ކުރިމަތިލުންތައް ދާއިމީކޮށް ހުއްޓާލާނެ ކަމުގެ ބައިނަލްއަގުވާމީ ގެރެންޓީއެއް ދިނުން.
3- ހޮރްމޫޒް ކަނޑުއޮޅި އީރާނުގެ ބާރުގެ ދަށަށް ގެނައުން
4- މެދުއިރުމަތީގެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރުގެ ކަންކަން އީރާނަށް ފުރިހަމައަށް ކޮންޓްރޯލް ކުރެވޭނެ އާ އިންތިޒާމެއް ގާއިމް ކުރުން.
5- މެދުއިރުމަތީގެ ސަރަހައްދުން އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަންދު ކުރުން.
6- މުޅި މެދުއިރުމަތީގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކެއް ނައްތާލުން.
7- ހަނގުރާމައިގެ ބަދަލު ހޯދުން.
8- ހަނގުރާމައިގެ ސަބަބުން އީރާނަށް ލިބުނު ގެއްލުންތަކުގެ ބަދަލުގައި އެމެރިކާ އާއި އިސްރާއީލުން މާލީ ބަދަލު ދިނުން.
9- އީރާނާ ގުޅުންހުރި ޖަމާއަތްތަކާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުން.
10- ސަރަހައްދުގައި އީރާނަށް ތާއީދުކުރާ އެކި ޖަމާއަތްތަކާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ހިންގާ ހުރިހާ އަސްކަރީ ހަރަކާތްތަކެއް ނިމުމަކަށް ގެނައުން.
ރައީސް ޓްރަމްޕްގެ ބަސް:
މި މަޝްވަރާތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، އީރާނާއެކު ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާ ކުރެވެމުންދާ ކަމަށާއި، މިފަހަރު އީރާނުން މިކަމާއި ދޭތެރޭ ސީރިއަސްކޮށް ވިސްނާ ކަމަށެވެ. އަދި އީރާނަށް ނިއުކްލިއަރ ހަތިޔާރު ހޯދުމުގެ ފުރުސަތު އެއްވެސް ހާލެއްގައި ނުދެއްވާނެ ކަމަށްވެސް ޓްރަމްޕް ތަކުރާރު ކުރެއްވިއެވެ.
މި މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން، އީރާނުގެ ހަކަތަ އުފައްދާ މަރުކަޒު ތަކަށް ދޭ ހަމަލާތައް ފަސް ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށް ޓްރަމްޕް ވަނީ އަމުރު ކުރައްވާފައެވެ.
އިސްރާއީލުގެ އިދިކޮޅު ލީޑަރުން ބުނަމުން ދަނީ އެމެރިކާއިން މި ހަނގުރާމައިން ވަކިވި ކަމުގައިވިޔަސް، އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ކުރިއަށް ގެންދަންޖެހޭނެ ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މީގެ ކުރިން ވިދާޅުވެފައިވަނީ އީރާނުގެ ނިއުކްލިއަރ އަދި މިސައިލް ނުރައްކާ މުޅިން ނައްތާލެވެންދެން އަސްކަރީ އޮޕަރޭޝަންތައް ހުއްޓާނުލާނެ ކަމަށެވެ.





