ޣައްޒާ ހަނގުރާމައިން އިޒްރޭލަށް 57 ބިލިއަން ޑޮލަރުގެ ގެއްލުމެއް

ޣައްޒާ ހަނގުރާމައިން އިޒްރޭލަށް 57 ބިލިއަން ޑޮލަރުގެ ގެއްލުމެއް

ފާއިތުވި ދެ އަހަރެއްހާ ދުވަހު ޣައްޒާގައި ކުރިއަށްދިޔަ ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ އިޤްތިޞާދަށް 57 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް އެޤައުމުގެ މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކައިފިއެވެ.

ބޭންކް އޮފް އިސްރާއީލުން ނެރުނު 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ހަވާލާދީ ބްލޫމްބާގް އަދި އަނަޑޯލޫ އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2023 އިން 2025 އާ ދެމެދު އިސްރާއީލަށް ވަނީ 177 ބިލިއަން ޝެކެލް (ގާތްގަނޑަކަށް 57 ބިލިއަން ޑޮލަރު) ގެ ގެއްލުން ވެފައެވެ. މިއީ އެޤައުމުގެ ޖުމްލަ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ ގެ 8.6 އިންސައްތައެވެ.

މި ބޮޑު މާލީ ގެއްލުމުގެ މައިގަނޑު ސަބަބަކީ ޣައްޒާގައި ކުރަމުންދާ ހަނގުރާމައާއި ލުބުނާނަށް ދެމުންދާ ހަމަލާތަކުގެ ޚަރަދުތަކެވެ. ނަމަވެސް، މި ރިޕޯޓުގައި މިހާރު އީރާނާއެކު ހިނގަމުންދާ ހަތަރު ހަފްތާވީ ކުރިމަތިލުންތަކުގެ ސަބަބުން ލިބޭ އިޤްތިޞާދީ އަސަރުތައް ހިމަނާފައެއް ނުވެއެވެ.

މަރުކަޒީ ބޭންކުން ފާހަގަކުރި ގޮތުގައި މިދިޔަ ޖޫން މަހު އީރާނާއެކު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ސަބަބުން އެކަނިވެސް އިސްރާއީލުގެ ޖީޑީޕީން 0.3 އިންސައްތަ ދަށަށް ގޮސްފައިވެއެވެ.

މަރުކަޒީ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ސިޔާސަތުތަކަށް ފާޑުކިޔާ ޔޫރަޕްގެ އަށް ޤައުމަކަށް އެޤައުމުން ކުރާ އެކްސްޕޯޓް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

މަރުކަޒީ ބޭންކުން ބުނާ ގޮތުގައި މިއީ އެ ޤައުމުތަކުގެ ސިޔާސީ ވިސްނުން އިސްރާއީލުގެ އުފެއްދުންތަކަށް އޮތް ތަރުހީބަށް އަސަރުކުރަމުންދާ ކަމުގެ ހެއްކެކެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 72،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި ޣައްޒާގެ ޢުމްރާނީ ވަޞީލަތްތަކުގެ 90 އިންސައްތަ ވަނީ ސުންނާފަތިވެފައެވެ.

މިދިޔަ އަހަރު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އިސްރާއީލުގެ ސިފައިން އަދިވެސް ދަނީ ޣައްޒާގައި ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ޤަތުލުކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *