އިޓަލީގައި ކޮންމެ އަހަރަކުމެ ހިނގާ "ލަ ޓޮންކާ" އަކީ ބަލާލަން ބިރުވެރި، އެހެންނަމަވެސް ހިނި އަންނަ ކަހަލަ އާދަޔާ ހިލާފު ކަމެކެވެ.
މިއީ ސިޔާސީ މީހުންނާއި މަޝްހޫރު މީހުން ކުރާ ކުށްތަކަށް އާންމުންގެ ކުރިމަތީގައި "އަދަބު" ދޭ ތަފާތު ސަގާފަތެކެވެ.
މީގެ އެތައް ސަތޭކަ އަހަރެއް ކުރިން، 14 ވަނަ ގަރުނުގައި މިއީ ހަގީގީ އަދަބެކެވެ. އޭރު ދީނަށް ފުރައްސާރަކުރާ މީހުން ނުވަތަ ބޮޑެތި ކުށްތައް ކުރާ މީހުން ކޭޖަކަށް (ގޮޅިއަކަށް) ލާފައި، ގަނޑުފެން ފަދަ ފިނި ކޯރަށް ގަންބާލަނީއެވެ. މިއީ އޭރު ކުށްވެރިން ލަދުގަންނުވާލުމަށް ދީ އުޅުނު ވަރަށް ވަރުގަދަ އަދަބެކެވެ.
ޒަމާން ބަދަލުވެ، މި އަދަބު މިހާރު ވަނީ މަޖާ ހަރަކާތަކަށް ބަދަލުވެފައެވެ. ކޮންމެ އަހަރެއްގެ ޖޫން މަހު ބާއްވާ "ފެސްޓޭ ވިޖިލިއާނޭ" ފެސްޓިވަލްގެ ތެރެއިން މި ހަރަކާތް ކުރިއަށްދެއެވެ.
ސިޓީގެ ރައްޔިތުން، އެ އަހަރަކު އެންމެ ބޮޑެތި ގޯސްތައް ހެދި ސިޔާސީ މީހުންނާއި އާންމު ފަރާތްތައް "ނޮމިނޭޓް" ކުރެއެވެ.
މަޝްރޫއުތައް ލަސްވުމާއި، ބޭކާރު ހަރަދު ކުރުން ނުވަތަ ރައްޔިތުންނަށް އޮޅުވާލުން ފަދަ ކަންކަމަށް މި "ޝަރީއަތުގައި" ބަހުސް ކުރެއެވެ. މުޅި ސިޓީގެ ރައްޔިތުންގެ ކުރިމަތީގައި، އެންމެ ބޮޑު ގޯހެއް ހެދި މީހަކީ ކާކުކަން ނިންމައެވެ.
މި ހަރަކާތުގެ އެންމެ ފޯރިގަދަ ވަގުތަކީ "ކުށްވެރިވާ" މީހާ ކޭޖަށްލާ ވަގުތެވެ. (މިހާރު މިކަމުގައި ބޭނުންކުރަނީ އަސްލު މީހާގެ ބަދަލުގައި އޭނާ ރަމްޒުކޮށްދޭ ބުދެކެވެ ނުވަތަ އެކްޓަރެކެވެ).
ކޭޖު ބޮޑު ކްރޭނަކުން އުފުލާލައި، ކޯރުގެ މައްޗަށް ގެންދެއެވެ. އަދި އެތައް ހާސް ރައްޔިތުންގެ ހަޅޭކާއި އުފާފާޅުކުރުމުގެ އަޑުގެ ތެރޭގައި، އެ މީހާ ކޯރުގެ ފިނި ފެންގަނޑުގެ ތެރެއަށް ގަންބާލައެވެ!
"މިއީ މިއަދު ހަމައެކަނި މުނިފޫހިފިލުވުމަކަށް ކުރާ ކަމެއް ނަމަވެސް، މީގެ ބޭނުމަކީ ވެރިން ކުރާ ކަންކަމަށް އެމީހުން ޒިންމާދާރުކުރުވުން."
މި ސަގާފަތުގެ ސަބަބުން އިޓަލީގެ ވެރިންނަށް އެނގެނީ އެމީހުން ހަދާ ގޯސްތައް ރައްޔިތުން ބަލަމުންދާ ކަމެވެ. ބައެއް މީހުން ސަމާސާއަކަށް ބުނާ ގޮތުގައި، މިކަހަލަ "ޝަރީއަތެއް" ކޮންމެ ގައުމެއްގައިވެސް އޮތުން މުހިންމެވެ.





