އެމެރިކާއާއި އިޒްރޭލުން ގުޅިގެން ދެމުންދާ ހަމަލާތަކުގެ ސަބަބުން އީރާނުގެ މިސައިލާއި ޑްރޯން ފޮނުވުމުގެ ގާބިލުކަން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް މާހިރުން ބުނި ނަމަވެސް، އަދިވެސް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ގާބިލުކަން އީރާނުގައި އެބަހުރި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ވައިޓް ހައުސްއިން ހޮނިހިރު ދުވަހު ބުނި ގޮތުގައި އީރާނުގެ ބެލިސްޓިކް މިސައިލް ގާބިލުކަން ވަނީ މުޅިންހެން ނައްތާލެވިފައެވެ. ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ފެށި "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ދަށުން އީރާނުގެ ކަނޑުގެ ސިފައިންގެ ބާރު ކަނޑުވާލައި، ވައިގެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް ހޯދާފައިވާ ކަމަށްވެސް އެމެރިކާއިން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނުގެ ޑްރޯން އުފައްދާ ކާރުޚާނާތައްވެސް ސުންނާފަތި ކޮށްލާފައިވާ ކަމަށެވެ.
ނަމަވެސް، އެމެރިކާގެ މި ދައުވާތަކާ ހިލާފަށް، އީރާނުން އަދިވެސް ދަނީ އަވަށްޓެރި ގައުމުތަކަށް ހަމަލާތައް ފޮނުވަމުންނެވެ. އެގޮތުން ގަތަރާއި، ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ބަހްރޭނުން ވަނީ މިސައިލް ހަމަލާތަކުގެ އިންޒާރު ނެރެފައެވެ. އަބޫދާބީއަށް ވެއްޓުނު މިސައިލެއްގެ ސަބަބުން މީހަކު މަރުވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ހަނގުރާމަ ފެށުނުއިރު އީރާނުން ދެމުންދިޔަ ހަމަލާތަކުގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ހަނގުރާމައިގެ ފުރަތަމަ 24 ގަޑިއިރު ތެރޭގައި ޔޫއޭއީއަށް އެކަނިވެސް 167 މިސައިލާއި 541 ޑްރޯން ފޮނުވާފައިވާއިރު، ހަނގުރާމައިގެ 15 ވަނަ ދުވަހު ފޮނުވާފައިވަނީ އެންމެ 4 މިސައިލާއި 6 ޑްރޯން ކަމަށް އަލްޖަޒީރާއިން އެކުލަވާލި ހިސާބުތަކުން ދައްކައެވެ. ޕެންޓަގަނުން ބުނާ ގޮތުގައި މިސައިލް ހަމަލާތައް މިހާރު ވަނީ 90 އިންސައްތަ ދަށްވެފައެވެ.
އީރާނަކީ މުޅި ސަރަހައްދުގައިވެސް އެންމެ ބޮޑު ބެލިސްޓިކް މިސައިލް ރައްކާކުރެވިފައިވާ ގައުމެވެ. 2022 ވަނަ އަހަރުގެ ހިސާބުތަކުން ދައްކާ ގޮތުގައި އީރާނުގައި 3،000 އެއްހާ މިސައިލް ހުއްޓެވެ. އިޒްރޭލާއި އެމެރިކާގެ މައިގަނޑު ސްޓްރެޓެޖީއަކީ އީރާނުގެ މިސައިލް ލޯންޗަރުތައް ހޯދައި ނައްތާލުމެވެ. މިހާތަނަށް އީރާނުގެ 290 ލޯންޗަރެއް ހަލާކުކޮށްލާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރީ މަސްދަރުތަކުން ބުނެއެވެ.
އީރާނުގެ ހަމަލާތައް މަދުވި ނަމަވެސް، އަދިވެސް ހަމަލާތައް ކުރިއަށްދިއުމަކީ އެ ގައުމުގެ ހުރިހާ ވަސީލަތްތަކެއް ނައްތާލެވިފައި ނުވާކަމުގެ ހެއްކެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.





