މިއީ ހަނގުރާމައެއްގެ ހިތާމަވެރި ހާދިސާއެއްގެ ވާހަކައެވެ. އީރާނުގެ މީނާބް ސިޓީގައި ހުންނަ "ޝަޖަރޭ-ޠައްޔިބާ" އަންހެން ކުދިންގެ ޕްރައިމަރީ ސްކޫލަށް އަމާޒުވި ނުރައްކާތެރި މިސައިލް ހަމަލާއެއްގެ ވާހަކައެވެ.
ދުނިޔޭގެ އެންމެ ޒަމާނީ މޮޅު މިސައިލްތައް ކިޔަވަން ތިބި ކުޑަކުދިންތަކެއްގެ ބޯމައްޗަށް ވެއްޓުނު ހިތްދަތި ހާދިސާގެ ވާހަކައެވެ.
އެއީ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:45 އެވެ. ސްކޫލުގެ ކްލާސް ރޫމްތައް އޮތީ އުމުރުން 7 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނާއިގެން ފުރިފައެވެ. ކުދިން ތިބީ ފޮތްތައް ހުޅުވައިގެން، ކިޔަވައިދޭ އަޑަށް ސަމާލުކަން ދީގެންނެވެ.
ނަމަވެސް، އެ ހިމޭންކަން މުގުރާލީ ފުރަތަމަ މިސައިލް ސްކޫލުގެ ފުރާޅަށް އެރި ބާރު އަޑާއެކުގައެވެ. މުޅި އިމާރާތް ބިމާ ހަމަވިއެވެ. އޭގެ ސިކުންތުކޮޅެއް ފަހުން، ދެވަނަ މިސައިލް އަމާޒުވީ ސްކޫލުގެ ގޯތިތެރެއަށެވެ. އެއީ އިމާރާތުގެ ދަށުން ސަލާމަތްވާން ދުވި ކުދިންނަށް އަމާޒުކޮށް ފޮނުވާލި ހަމަލާއެއް ފަދައެވެ.
މި ހަމަލާގައި ގާތްގަނޑަކަށް 170 މީހުން މަރުވިއެވެ. އޭގެ ތެރޭގައި ގިނައީ ކުޑަ އަންހެން ކުދިންނެވެ. މީގެ އިތުރުން 100 އަށްވުރެ ގިނަ ކުދިން ޒަޚަމްވިއެވެ. ދުމުގެ އަސަރު ފިލައިގެން ދިޔައިރު ފެންނަން ހުރީ އަނދާފައިވާ ފޮތްތަކާއި، ކްލާސް ރޫމްތަކުގެ ކުނިބުންޏާއި، ކުޑަކުދިންގެ ބޫޓުތަކެވެ. އަދި ކުނިބުނީގެ ދަށުން ދަރިން ހޯދަން ރޮއި އާދޭސްކުރި މައިންގެ އަޑެވެ.
މި ހަމަލާއަކީ އޮޅުމަކުން ދެވުނު ހަމަލާއެއް ކަމަށް ބުނާނެ ޖާގައެއް ނެތެވެ. ސަބަބަކީ ބޭނުންކުރި މިސައިލް ތަކަކީ 5 މީޓަރުގެ ކުޑަ ސަރަހައްދަކަށް އަމާޒު ކުރުމުގެ ގާބިލްކަން ލިބިފައިވާ "ޕްރެސިޝަން" ހަތިޔާރު ތަކަކަށް ވުމެވެ.
ހަނގުރާމައެއް ފެށުނު ފުރަތަމަ ގަޑިއިރުތަކުގައި، ކުދިން ސްކޫލުގައި ތިބޭނެ ވަގުތު ބަލައި މިފަދަ ހަމަލާއެއް ދިނުމަކީ ގަސްތުގައި ދީފައިވާ ހަމަލާއެއްކަން ސެޓަލައިޓް ފޮޓޯތަކާއި ބޭނުން ކުރި ހަތިޔާރުގެ ބައިތަކުން ހެކިދެއެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކާއި "ރޯމް ސްޓެޓިއުޓް" ގެ ދަށުން، ތައުލީމީ މަރުކަޒުތަކަށް ގަސްތުގައި ހަމަލާދިނުމަކީ ހަނގުރާމައިގެ ކުށެކެވެ. މީނާބްގައި ހިނގި ކަންތަކަކީ ހަމައެކަނި ހަނގުރާމައިގެ އުސޫލަކާ ޚިލާފުވުމެއް ނޫނެވެ. އެއީ އިންސާނިއްޔަތާ ޚިލާފު ބޮޑު ޖަރީމާއެކެވެ. ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، އާންމުން ދިރިއުޅޭ ސަރަހައްދު ތަކަށް ތަކުރާރުކޮށް ހަމަލާދިނުމުގެ މަގްސަދަކީ ރައްޔިތުންގެ ރޫހު ބަލި ކޮށްލުމެވެ.
މީނާބްގެ ސްކޫލަށް ދެވުނު ހަމަލާއަކީ މުޅި އިންސާނިއްޔަތަށް ދެވުނު ހަމަލާއެކެވެ. ކްލާސްރޫމެއްގައި ކިޔަވަން ތިބި މައުސޫމް ކުދިންތަކަކީ ހަނގުރާމައިގެ އަމާޒަކަށް ވެގެން ނުވާނެއެވެ. މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތައް ބައިނަލްއަގުވާމީ މައިދާނުގައި ޖަވާބުދާރީ ކުރުވަން ޖެހެއެވެ. އެ ކުދިންގެ ހަނދާންތަކާއި، އެ ކުދިންގެ އާއިލާތަކަށް އިންސާފު ލިބެންޖެހެއެވެ.





