ރާއްޖޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރެއް ކަމަށްވާ އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފިރާގު، ރާއްޖޭގެ ކްރޫޒް ޓޫރިޒަމް ސިޔާސަތު އިސްލާހު ކުރުމަށް ސަރުކާރަށާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވައިފިއެވެ.
ފިރާގު މިކަމަށް ގޮވާލެއްވީ އޭނާގެ ފޭސްބުކް މީސްމީޑިއާ މަންސައިގައި ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ މެދުތެރޭގެ ސަރަހައްދުތަކަށް ކްރޫޒް ލައިނަރުތައް އައުމުގެ ބަދަލުގައި، ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކަށް މިފަދަ އުޅަނދުފަހަރު ދިއުމަށް ހިތްވަރުދޭ ގޮތަށް ސިޔާސަތުތައް ބަދަލުކުރަން ޖެހޭ ކަމަށެވެ.
ޚާއްޞަކޮށް، ބައިނަލްއަގްވާމީ އެއާޕޯޓްތަކާއި އަސާސީ ވަސީލަތްތައް ގާއިމުވެފައިވާ އުތުރާއި ދެކުނުގެ ސަރަހައްދު ތަކުގައި ކްރޫޒް ކްލިއަރެންސް ހެދޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ މުހިންމު ކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ފިރާގު ވިދާޅުވި ގޮތުގައި، މިހާރު ކަންކަން އޮތްގޮތުން ހަމައެކަނި މާލެ ސިޓީއާއި އެ ސިޓީގެ ވަށައިގެންވާ ތޮއްޖެހިފައިވާ ސަރަހައްދުތަކަށް ފޯކަސް ކުރުމުގެ ބަދަލުގައި، މި ބަދަލާއެކު އިގްތިސާދީ ފުރުސަތުތައް މުޅި ރާއްޖެއަށް އެއްވަރަކަށް ބަހާލުމަށް މަގުފަހިވާނެއެވެ.
އަދި މީގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ހަގީގީ ރީތިކަމާއި ތަފާތު ސަގާފަތްތައް ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
"މާލެއަކީ މިހާރުވެސް ތޮއްޖެހިފައިވާ ތަނަކަށް ވުމާއެކު، ރާއްޖޭގެ އެހެން ސަރަޙައްދުތައް މިއަށްވުރެ ހަމަހަމަ ގޮތެއްގައި ތަރައްޤީކުރުން މުހިންމު. ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށާއި ސިޔާސީ ޕާޓީތަކުން މިކަމާ މެދު ފުންކޮށް ވިސްނުމަށް އިޙްތިރާމާއެކު ގޮވާލަން،" ފިރާގު ވިދާޅުވިއެވެ.
ފިރާގު މި ހުށަހެޅުއްވި ބަދަލަކީ ފަތުރުވެރިކަމުގެ ދާއިރާއިން އަތޮޅުތަކަށް ލިބޭ ނަފާ އިތުރުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.





