ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ދަގަނޑޭގެ ނަމުން މަޝްހޫރު، 40 އަހަރުގެ އަލީ އަޝްފާގު، ތިން އަހަރެއްހާ ދުވަހަށް ފަހު، ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑަށް ނަގައިފިއެވެ.
ދަގަނޑޭ ގައުމީ ސްކޮޑަށް ނަގާފައިވަނީ، ގަލޮޅު ދަނޑުގައި، މި މަހުގެ 31 ވަނަ ދުވަހު، ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ އޭޝިއަން ކަޕް ކޮލިފައިން މެޗަށެވެ. ނިއު ރެޑިއަންޓް ސްޕޯޓްސް ކްލަބުން ރިލީސް ކުރި ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ ހިމެނެ އެވެ.
ނިއުގެ ސޯޝަލް މީޑިއާގައި ލިޔެފައިވާ ގޮތުގައި، މިއަދަކީ ދިވެހި ފުޓުބޯޅަ އަށް ލޯބިކުރާ ހުރިހާ ސަޕޯޓަރުންނަށް ވަރަށް އުފާވެރި ދުވަހެކެވެ. އެއީ، ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، ގައުމީ ފުޓުބޯޅަ ޓީމުގެ ތަރި، ދަގަނޑޭ އަނެއްކާވެސް ގައުމީ ޖާޒީގައި ފެނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވާތީ އެވެ.
ދަގަނޑޭ ގައުމީ ސްކޮޑާ ދުރުގައި ހުންނަވާތާ ތިން ވަރަކަށް އަހަރު ވެފައިވާ ކަމަށާއި، 2023 ވަނަ އަހަރުގެ މާޗް މަހު ލ. އަތޮޅު ޒޯން ސްޓޭޑިއަމްގައި ޕާކިސްތާނާ ދެކޮޅަށް ކުޅެވުނު އެކުވެރިކަމުގެ މެޗަށް ފަހު، ގައުމީ ސްކޮޑަށް ނަގާ ފުރަތަމަ ފަހަރު ކަމަށްވެ އެވެ.
ދަގަނޑޭ ވަނީ ވޭތުވެދިޔަ ދެ ވަރަކަށް އަހަރު ތެރޭ ކަކުލުގެ ދެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިފައެވެ. ދިގު ރިހެބިލިޓޭޝަން ދަތުރަކަށް ފަހު، ހިތްވަރާ ހިތްހަމަ ތެދުވެ، ދަގަނޑޭ ވަނީ ފާއިތު ސީޒަނުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިއުއަށް ނިކުމެ، ނަތީޖާ ނެރެދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފައެވެ.





