ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ޓެސްޓު ކުރަންޖެހޭ: ދިޔާނާ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ޓެސްޓު ކުރަންޖެހޭ: ދިޔާނާ

ބަހާލައިގެން ދެ ދުވަހެއްގައި ބާއްވާ އިންތިޚާބީ ނިޒާމަކީ ރާއްޖޭގައި ފެއިލްވެފައިވާ ނިޒާމެއްކަން ގަބޫލުކޮށް، އެ ނިޒާމު ބަދަލު ކުރުމަށް ފިޔަވަޅުތައް އަޅަން ޖެހޭކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުން އަވަސްކުރަން ސަރުކާރުން ގެންގުޅޭ އެޖެންޑާ ސާފުކޮށް ހާމަކުރަން ޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިކަމަށް ވިދާޅުވެ، ސޯޝަލް މީޑިއާ ޕްލެޓްފޯމް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ދިޔާނާ ވިދާޅުވި ގޮތުގައި، ރާއްޖެއަށް އެންމެ މުހިންމީ ސަރުކާރު ޖަވާބުދާރި ކުރުވޭފަދަ ހަރުދަނާ މަޖިލީހެއް ލިބުމެވެ. ނަމަވެސް، ދެ އިންތިޚާބު ދެ ދުވަހަކަށް ބަހާލައިގެން ބޭއްވި، ހަ މަސް ދުވަހުގެ ދޭތެރެ ދޫކޮށްލެވިގެން ހިންގި ސްޓެގަޑް ނިޒާމުގެ ތެރެއިން، ވޭތުވެދިޔަ 15 ވަރަކަށް އަހަރު ތެރޭ ސަރުކާރު ޖަވާބުދާރީ ކުރެވޭ ފަދަ އެންމެ މަޖިލީހެއް ވެސް ލިބިފައިނުވާ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

ހަމައެހެންމެ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވިއްޖެ ނަމަ، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރެވުމުގެ ފުރުސަތު ހަނިވެ، އިންތިޚާބު ބޭއްވުމަށް ހިނގާ އިދާރީ ޚަރަދުތައް ވެސް ބޮޑުތަން ކުޑަވާނެ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ބެހޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް، އަންނަ މަހުގެ 4 ވަނަ ދުވަހު ނެގުމަށް ސަރުކާރުން ވަނީ ތާވަލުކޮށްފައެވެ. ނަމަވެސް، އިނދިކޮޅު މައި ޕާޓީ، އެމްޑީޕީ ވަނީ ސަރުކާރުގެ ނިންމުމަށް ފާޑު ކިޔައި، ކޯޓަށް ވެސް ހިނގައިގެންފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެމަނިކުފާނުގެ ވަފާތެރިންވެސް ދެކެނީ މިހާރު އޮތް ގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

އެހެންނަމަވެސް އެހެނިހެން ސިޔާސީ ޕާޓީތަކުންނާއި، ލީޑަރުން އަންނަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ވިދާޅުވެ، އެކަމަށް ތާއިދު ކުރައްވަމުންނެވެ. އެގޮތުން ސަރުކާރު ހިންގާ ޕީއެންސީގެ އިތުރުން ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ ޢިން ވެސް ވަނީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ތާއީދުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *