މިހާރު ހިނގަމުންދާ ހަނގުރާމަ ނިންމާލާނެ ވަގުތު ކަނޑައަޅާނީ އީރާނުން ކަމަށާއި، އެއީ އެމެރިކާ ނުވަތަ އިޒްރޭލަށް ނިންމޭނެ ކަމެއް ނޫން ކަމަށް، އީރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒްގެ ކޮމާންޑަރު މޭޖަރ ޖެނެރަލް އަލީ ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ، އިސްލާމީ ޖުމްހޫރިއްޔާގެ އެންމެ މަތީ ލީޑަރާއި ސިފައިންގެ ބޭނުމަކީ ބަދަލުހިފުން ކަމަށެވެ. ދުޝްމަނުން ދިން ހަމަލާތަކަށް، ދުޝްމަނުން ހިތާމަ ކޮށް ދެރަވާ ފެންވަރަށް ބަދަލުހިފުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރުތަކަށް ދެއްވި ރައްދެކެވެ. ފްލޮރިޑާގެ ޑޯރަލްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕް ވިދާޅުވީ، ވޭތުވި 10 ދުވަހުގެ ހަމަލާތަކަކީ "ކުރު ދަތުރެއް" ކަމަށާއި، ކުރިމަތިލުންތައް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ.
ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހުރަސްއެޅިއްޔާ ހަމަލާތައް ވަރުގަދަކުރާނެ ކަމަށް ވިދާޅުވެ، ތެލުގެ ސަޕްލައި ހުއްޓުވަން ދޭ ފުރުސަތެއް ނޯންނާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އެމެރިކާ އާއި އިޒްރޭލް ގުޅިގެން 5,000 އަށް ވުރެ ގިނަ އަމާޒަށް ހަމަލާ ދީފައިވެ އެވެ. މި ހަމަލާތަކުގައި ނިއުކްލިއާ މަރުކަޒުތަކާއި ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި ރަށްވެހި ސަރަހައްދުތަކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.





