ޔަމާލްގެ ލަނޑާއެކު ބާސެލޯނާ އިން ލީޑު ފުޅާކޮށްފި

ޔަމާލްގެ ލަނޑާއެކު ބާސެލޯނާ އިން ލީޑު ފުޅާކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ޒުވާން ތަރި ލަމީން ޔަމާލް ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑާއެކު، އެތުލެޓިކް ކްލަބުގެ މައްޗަށް 1-0 އިން ކުރިހޯދައި ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް އަލުން ގާއިމުކޮށްފިއެވެ.

އެތުލެޓިކް ކްލަބުގެ ދަނޑު ކަމަށްވާ ސަން މާމޭސްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކުން ވަނީ ބާސެލޯނާ ހިފަހައްޓައި، މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ 68 ވަނަ މިނެޓުގައެވެ. ޕެޑްރީ ތަނަވަސްކޮށްދިން ރީތި ފުރުސަތަކުން، އުމުރުން އެންމެ 18 އަހަރުގެ ޔަމާލް ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައި ބާސެލޯނާއަށް މެޗުގެ ކުރިހޯދައިދީފައެވެ.

މިއީ މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި ޔަމާލް ކާމިޔާބުކުރި 19 ވަނަ ލަނޑެވެ. އަދި ލަލީގާގައި އޭނާ ޖެހި 13 ވަނަ ލަނޑުވެސް މެއެވެ. ހޮނިހިރު ދުވަހުގެރޭ ސެލްޓަ ވިގޯ އަތުން ރިއާލް މެޑްރިޑް މޮޅުވެ، ބާސެލޯނާއާ ވިއްދާލާފައި އޮތް ނަމަވެސް، ރޭގެ މި މޮޅާއެކު ބާސެލޯނާ އިން ވަނީ އަލުން ތާވަލުގެ ކުރީގައި ފަރަގު ބޮޑުކޮށްފައެވެ.

ބާސެލޯނާ ދެން އެންމެ އަވަހަށް ނުކުންނާނީ އަންގާރަ ދުވަހު އޮންނަ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގެ މެޗަށެވެ. އިނގިރޭސިވިލާތުގެ ސެއިންޓް ޖޭމްސް ޕާކުގައި ކުޅޭ މި މެޗުގައި ބާސެލޯނާ ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާއެވެ.

ލަލީގާގެ އެހެން މެޗުތަކަށް ބަލާއިރު، އެތުލެޓިކޯ މެޑްރިޑުން ވަނީ އެމީހުންގެ އަމިއްލަ ދަނޑު ކަމަށްވާ ވަންޑާ މެޓްރޯޕޮލިޓާނޯގައި ރިއާލް ސޮސިއެޑާޑްގެ މައްޗަށް 3-2 އިން ކުރިހޯދާފައެވެ. މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ނިކޮލަސް ގޮންޒާލޭޒް ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗުގެ ކުރީކޮޅު އެލެގްޒެންޑާ ސޮރްލޮތް އާއި ކާލޮސް ސޮލާ ލަނޑުތައް ކާމިޔާބުކުރިއިރު، ދެވަނަ ހާފުގައި ގޮންޒާލޭޒް އާއި މިކޭލް އޮޔާޒަބަލް ލަނޑު ޖެހީ އެންމެ މިނެޓެއްގެ ތަފާތުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *