އިންޑިއާ ކަނޑުގައި ދަތުރުކުރަމުންދިޔަ އީރާނު ނޭވީގެ "އައި.އާރު.އައި.އެސް ދެނާ" މަނަވަރު އަޑިއަށް ދިޔަ ހާދިސާގައި ދިވެހި ކޯސްޓްގާޑުން އިހުމާލުވި ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހެއްގައި ރިޕޯޓްކޮށްފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށް ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ސަބްމެރިންއަކުން ދިން ޓޯޕިޑޯ ހަމަލާއަކަށްފަހު އީރާނުގެ މި މަނަވަރު އަޑިއަށްދާތީ ފޮނުވި އެހީއަށް އެދޭ ސިގްނަލްތަކަށް ރާއްޖޭގެ ކޯސްޓްގާޑުން އިޖާބަދީފައި ނުވާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނަމަވެސް، މި ވާހަކަތައް ދޮގުކުރައްވައި މުންދު ޝަރީފް ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން މާ ބޭރުގައި ކަމަށާއި، ދިވެހި އަސްކަރިއްޔާއަށް އެހީތެރިކަމަށް އެދި އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ސްރީލަންކާގެ ގާލީއާ ދިމާލުން ދެކުނަށް ގާތްގަނޑަކަށް 40 ނޯޓިކަލް މޭލު ބޭރުންނެވެ. މުންދު ފާހަގަކުރެއްވި ގޮތުގައި، މަނަވަރުން އެހީތެރިކަމަށް އެދިފައިވަނީ ސީދާ ސްރީލަންކާގެ ސިފައިންގެ ކިބައިންނެވެ. އަދި މި ސަރަހައްދަކީ ރާއްޖޭގެ ކޯސްޓްގާޑަށް ފަސޭހައިން ދެވޭނެ ހިސާބެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރިޕޯޓްތައް ބުނާގޮތުން، މި ހާދިސާ ހިނގާފައިވަނީ އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ދަށުންނެވެ. ޖުމްލަ 180 މީހުންގެ ކްރޫއަކާއެކު ދަތުރުކުރި މި މަނަވަރު އަޑިއަށް ދިޔަ ވަގުތު، ސްރީލަންކާގެ ނޭވީން ވަނީ ހާލުގައި ޖެހުނު މީހުންގެ ތެރެއިން 32 މީހަކު ސަލާމަތްކޮށްފައެވެ.
މި ހާދިސާއާ ގުޅުވައިގެން ރާއްޖޭގެ އަސްކަރިއްޔާއަށް އަމާޒުކުރަމުންދާ ފާޑުކިޔުންތަކަކީ އެއްވެސް އަސާސެއް ނެތް، ދޮގު މައުލޫމާތުގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަމަށް ސަރުކާރުގެ އިސް ފަރާތްތަކުން ދަނީ ބުނަމުންނެވެ.





