މާލޭގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ވައްކަމާއި ފޭރުމާއި އެކި ގޮތްގޮތުން ގެއްލުނު ފައިސާގެ ތެރެއިން، ވޭތުވެދިޔަ ދެ ދުވަސް ތެރޭގައި 215،230.60 ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ހެންވޭރު، ގަލޮޅު އަދި މާފަންނު ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ފާއިތުވި 48 ގަޑިއިރު ކޮށްފައިވާ މަސައްކަތުގެ ތަފާސް ހިސާބު މިއަދު ވަނީ އާއްމުކޮށްފައެވެ.
އެ ހިސާބުތަކުން ދައްކާގޮތުގައި، ގަލޮޅު ފުލުހުން 176،872.6 ރުފިޔާ ހޯދާފައިވާ އިރު، ހެންވޭރު ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ގެއްލުނު 224،000 ރުފިޔާގެ ތެރެއިން 15،000 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.މާފަންނު ފުލުހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، ގެއްލުނު 41،400 ރުފިޔާގެ ތެރެއިން މުޅި ޖުމުލަ 23،358 ރުފިޔާ ވަނީ އަނބުރާ ހޯދައިފައެވެ.
ތަފާސްހިސާބު ތަކަށް ބަލާއިރު، ގަލޮޅު ޕޮލިސް ސްޓޭޝަނުން، މާލޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން 148 މީހެއް ހުއްޓުވާ ސުވާލު ކޮށްފައިވާ ކަމަށާއި، 23 ކޯލްއަކަށް އިޖާބަދީ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.
އަދި އަމިއްލައަށް އިސްނަގައިގެން ތިން ހާދިސާއަކަށް ހަރަކާތްތެރި ވެފައިވާ ކަމާއި، 35 ހާދިސާއެއް ރިކޯޑުކޮށްފައި ވެއެވެ. އަދި ޓްރެފިކް ފުލުހުން 21 މައްސަލަ އާއި 682 ސަރަޙައްދެއް ބަލައި ފާސްކޮށްފައިވެއެވެ.
ހެންވޭރު ޕޮލިސް ސްޓޭޝަންއިން، ކުރި މަސައްކަތުގެ ތެރެއިން 195 މީހެއް ހުއްޓުވާ ސުވާލުކޮށް، 19 ކޯލްއަކަށް އިޖާބަދީ އެހީތެރިކަން ފޯރުކޮށްދިނެވެ. އަދި އަމިއްލައަށް އިސްނަގައިގެން ފަސް ހާދިސާއަކަށް ހަރަކާތްތެރިވެފައިވެ، 28 ހާދިސާއެއް ރިކޯޑުކޮށްފައިވެއެވެ. އަދި ޓްރެފިކް ފުލުހުން 102 މައްސަލައަކާއި، 447 ސަރަޙައްދެއް ބަލައި ފާސްކޮށްފައިވެއެވެ.
މާފަންނު ޕޮލިސް ސްޓޭޝަނުގެ މަސައްކަތުގެ ތެރެއިން 233 މީހެއް ހުއްޓުވާ ސުވާލުކޮށްފައިވާކަމަށާއި، 23 ކޯލްއަކަށް އިޖާބަދީ އެހީތެރިކަން ފޯރުކޮށްދީފަައިވެއެވެ. އަދި 33 ހާދިސާއެއް ރިކޯޑުކޮށްފައިވެއެވެ. މީގެއިތުރުން 578 ސަރަޙައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، އޭގެ އިތުރުން ޢާއްމުކޮށް މައްސަލަތައް ހުށައެޅޭ 85 ސަރަޙައްދެއް ބަލައި ފާސްކޮށްފައިވެއެެވެ.





