ފޯޅަވައްސަށް "ޗާގޯސް" ކިޔުން ހުއްޓާލަންޖެހޭ: ޚަލީލް

ފޯޅަވައްސަށް "ޗާގޯސް" ކިޔުން ހުއްޓާލަންޖެހޭ: ޚަލީލް

ރާއްޖޭގެ ދެކުނުން އޮންނަ، އިނގިރޭސިންގެ ބެލުމުގެ ދަށުގައި ހުރި ރަށްތަކަށް "ޗާގޯސް"ގެ ނަމުން ނުކިޔުމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު ގޮވާލައްވައިފިއެވެ.

ވަޒީރު ވިދާޅުވީ، އެ ސަރަހައްދަށް ދިވެހިން ކިޔަމުން އަންނަ ޒަމާންވީ ނަމަކީ "ފޯޅަވަހި" ކަމަށާއި، "ޗާގޯސް" އަކީ އިސްތިއުމާރީ ބާރުތަކުން ދިން ނަމެއް ކަމަށެވެ.

ވަޒީރު މި ވިދާޅުވީ ރާއްޖޭގެ ބައެއް މީޑިޔާތަކުން ، ދިވެހި ނަން ދޫކޮށް "ޗާގޯސް" ބޭނުންކޮށް ހަބަރުތައް ލިޔަމުންދާތީ، ކަންބޮޑުވުން ފާޅުކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ބަހަވީ ތާރީހަށް ބަލާއިރު، ގަދީމީ ދިވެހި ލިޔެކިޔުންތަކުން ފެންނަ ގޮތުގައި، ދިވެހިން ޒަމާނުއްސުރެވެސް ފޯޅަވައްސާ ހަމައަށް ފެތުރިފައި އޮންނަ ސަރަހައްދަކީ ދިވެހި ސަރަހައްދެކެވެ. "ޗާގޯސް" ގެ ނަން ދިނީ ފަރަންސޭސީން އެ ސަރަހައްދު އިސްތިއުމާރުކުރި ހިސާބުންނެވެ.

ފޯޅަވަހީގެ މައްސަލަ ސިޔާސީ ދަރަޖައިގައި ވެސް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، އެ ރަށްތައް މޮރިޝަސްއާ ހަވާލު ކުރަން އިނގިރޭސި ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ރަސްމީ އިތިރާޒް ހުށަހަޅާފައިވާ ކަމަށް ރިޔާސީ ބަޔާނުގައި ހާމަ ކުރައްވައިފައެވެ. ރައީސް ވިދާޅުވި ގޮތުގައި، ފޯޅަވަހީގެ ރަށްތަކަށް ދިވެހިރާއްޖޭގެ ސިޔާދަތީ ހައްގު ލިބިގެންވާ ކަމުގެ ހެކި، ތާރީހީ ލިޔެކިޔުންތަކުން ފެންނަން ހުރެއެވެ.

ބައިނަލްއަގްވާމީ ފަރިތައިގައި، އިނގިރޭސިވިލާތުގެ ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖްވެސް ވަނީ، ފޯޅަވަހީގެ ސިޔާދަތީ ދައުވާ ކުރުމަށް ރާއްޖެ އެންމެ ހައްގުވެރި ކަމަށް ވިދާޅުވެ، ބަރުލަމާނުގައި ވަކާލާތު ކުރައްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *