އެމެރިކާގެ ވައިގެ ސިފައިންގެ ކުރީގެ އޮފިސަރު އަދި ކާމިޔާބު ފައިޓަރ ޕައިލެޓެއް ކަމަށްވާ ޖެރަލްޑް ބްރައުން، ޗައިނާގެ އަސްކަރީ ޕައިލެޓުންނަށް ގަވާއިދާ ހިލާފަށް ތަމްރީނު ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ހާމަކުރި ގޮތުގައި، "ރަނަރ" ގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން 65 އަހަރުގެ ބްރައުން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އިންޑިއާނާގައެވެ. އޭނާގެ މައްޗަށް ކުރަނީ ހުއްދަ ނެތި ޗައިނާގެ ޕައިލެޓުންނަށް ދިފާއީ ހިދުމަތްތައް ފޯރުކޮށްދިނުމާއި އެކަމަށް ރޭވުމުގެ ކުށުގެ ތުހުމަތެވެ.
ބްރައުން އަކީ އެމެރިކާގެ އެންމެ ޒަމާނީ އެފް-35 ލައިޓްނިންގ II ފައިޓަރ ޖެޓްތަކުގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ، އެ ދާއިރާގައި އެތައް އަހަރެއްގެ ތަޖުރިބާ ހުރި މީހެކެވެ. އެފް.ބީ.އައި ގެ ކައުންޓަރ އިންޓެލިޖެންސް އެންޑް އެސްޕިއޮނާޖް ޑިވިޜަންގެ އެސިސްޓެންޓް ޑައިރެކްޓަރ ރޯމަން ރޮޒާވްސްކީ ވިދާޅުވީ، ބްރައުން ވަނީ އޭނާ ހިމާޔަތްކުރަން ހުވާކުރި މީހުންނާ ދެކޮޅަށް ހަނގުރާމަކުރުމަށް ޗައިނާގެ ޕައިލެޓުން ތަމްރީނުކޮށްދީ، ގައުމަށް ގައްދާރުވެފައި ކަމަށެވެ.
މީގެ އިތުރުން ރޮޒާވްސްކީ ވިދާޅުވީ، ޗައިނާ ސަރުކާރުން ދަނީ އެމެރިކާގެ އަސްކަރިއްޔާގައި މަސައްކަތްކުރާ އަދި ކުރިން މަސައްކަތްކޮށްފައިވާ މީހުންގެ ތަޖުރިބާ ބޭނުންކޮށްގެން އެގައުމުގެ އަސްކަރީ ގާބިލުކަން އިތުރުކުރަން މަސައްކަތް ކުރަމުންނެވެ. އަދި މި ހައްޔަރުކުރުމަކީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ދެވޭ އިންޒާރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގެ ޔޫ.އެސް އެޓާނީ ޖީނިން ފެރިސް ޕިރޯ ވިދާޅުވީ، ބްރައުން އާއި ގައުމާ ދެކޮޅަށް ރާވާ ކޮންމެ މީހަކު ކުރާ އަމަލުތަކަށް ޒިންމާދާރުކުރެވޭނެ ކަމަށެވެ.
އެމެރިކާގެ ވައިގެ ސިފައިންގެ ތެރޭގައި 24 އަހަރު ހޭދަކޮށްފައިވާ ބްރައުން އަކީ ނިއުކްލިއާ ހަތިޔާރު އުފުލާ ސިސްޓަމްތަކާ ގުޅުންހުރި "ސެންސިޓިވް ޔުނިޓްތައް" ކޮމާންޑްކޮށް، ގިނަ ކޮމްބެޓް މިޝަންތަކެއްގައި އިސްކޮށް އުޅެފައިވާ މީހެކެވެ. 1996 ވަނަ އަހަރު ސިފައިންގެ ހިދުމަތުން ވަކިވުމަށްފަހު، އޭނާ މަސައްކަތް ކުރަމުން އައީ ކޮމާޝަލް ކާގޯ ޕައިލެޓެއްގެ ގޮތުގައެވެ.





