މިދިޔަ މަހު ގްރީން ޓެކްސް އިތުރުވެ، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ)އިން އާންމުކޮށްފައިވާ ތަފާސްހިސާބު.ތަކުން ދައްކާ ގޮތުގައި މިިދިޔަ މަހު ގްރީން ޓެކުހުގެ ގޮތުގައި ދަޢުލަތަށް 221,796,366 ރުފިޔާ ވަނީ ލިބިފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 108,263,248 ރުފިޔާއާ އަޅާ ބަލާއިރު 104.8 އިންސައްތައިގެ އިތުރުވުމެކެވެ.
ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާ އިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ވަނީ މިއަހަރު ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން މިދިޔަ މަހު ރާއްޖެއަަށް 227,198 ފަތުރުވެރިން ސިޔާރަތް ކުރިއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަަށް ޒިޔާރާތްކުރީ 216,265 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ ފަސް ޕަސެންޓްގެ އިތުރުވުމެކެވެ.
މިދިޔަ މަހު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ތެރެއިން 153,824 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 59,813 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، 6,008 ފަތުރުވެރިން ހޮޓާ ތަކުގައި ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. މީގެ އިތުރުން، 4,942 ފަތުރުވެރިން މިދިޔަ މަހު ސަފާރީތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. މި ޓެކުހުން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.





