ކ. ތިލަފުށީ ވޯކް ސައިޓެއްގައި ބިދޭސީއަކު މަރުވެފައި އޮއްވައި ފެނުނު މައްސަލާގައި ހައްޔަރުކުރި ސްރީ ލަންކާގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 45 ދުވަސް ޖަހައިފިއެވެ.
ބަންގްލަދޭޝް މީހެއް ކަމަށްވާ އުމުރުން 24 އަހަރުގެ އަމީން މިއާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ގެއްލިގެން ހޯދަމުންދާތާ ދެ ދުވަސް ފަހުންނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ބިދޭސީ މީހާ މަރުވީ ލަންކާ މީހާ އޮޕަރޭޓްކުރި އެކްސްކަވޭޓަރުގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކާއެކު ހަށިގަނޑު އެހެން ދިމާލަކަށް ބުރައިގެން ގޮސްގެންނެވެ.
އަމީން މިއާގެ މަރުގެ މައްސަލައިގައި ގަސްތަކާ ނުލައި މީހަކު މެރުމުގެ ތުހުމަތާއެކު ހައްޔަރުކުރީ އެކްސްކަވޭޓަރު ދުއްވަން އިން ލަންކާގެ 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ އެވެ.
އޭނާގެ ބަންދަށް އެންމެ ފުރަތަމަ ހަތް ދުވަސް ދިންއިރު، އޭގެ ފަހުން ވަނީ ދިހަ ދުވަހުގެ މުއްދަތެއް ދީފައެވެ. އެ މުއްދަތު އިއްޔެ ހަމަވެގެން ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 45 ދުވަސް އިތުރުކޮށްފައެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި މި މައްސަލައިގައި، ހެޝަންގެ މައްޗަށް އެކަށީގެންވާ މިންވަރުގެ ހެކި އެބަހުއްޓެވެ. އެގޮތުން ސީސީޓީވީ ފޫޓޭޖާއި އޭނާ ދުއްވަން އިން އެކްސްކަވޭޓަރުން ޖެހުމުގެ ސަބަބުން މީހަކު މަރުވެފައިވާ ކަމަަށް ބެލެވޭ ކަމަށް އަމުރުގައިވެ އެވެ.
މީގެ އިތުރުން، އެ ހާދިސާއަށް ފަހު، ހެޝަން އަމިއްލައަށް ގައުމަށް ދާން ބޭނުންވާ ކަމަށް ހެއްކެއްގެ ބަޔާނުން އެނގެން އޮންނަ ކަމަށާއި އޭނާއަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ މީހެއް ކަމަށްވެސް އަމުރުގައިވެއެވެ.
ކޯޓު އަމުރުގައި ފުލުހުން ބުނެފައިވާ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނަސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ވަނީ ގެންގޮސްފައި ކަމަށެވެ. އެހެންކަމުން އެއީ، ގަސްތަކާ ލައިގެން ހިނގި ކަމެއް ކަމަށް މިހާތަނަށް ސާފު ނުވާ ކަމަށް އަމުރުގައިވެއެވެ.





