ރާއްޖޭގެ ރަށްތަކާއި އަތޮޅުތައް ކަނޑުގެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވައިލުމަށް ސަރުކާރުން ހިންގަމުން އަންނަ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނިޒާމުގެ ދަށުން ފ.އަތޮޅާއި ދ.އަތޮޅުގައި އާރްޓީއެލް ހިދުމަތް މާދަމާ ފެށުމަށް ހަމަޖެހިއްޖެ އެވެ.
އެ ހިދުމަތް ފެށުމަށް ބޭނުންވާ ހުރިހާ އިންތިޒާމުތައް ހަމަޖައްސައި އާރްޓީއެލް ހިދުމަތް އެ އަތޮޅުގައި ފަށާނެކަން އިއުލާނުކޮށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފެބްރުއަރީ 17، 2026 ވަނަ ދުވަހު އެ ހިދުމަތް ފަށައި، ފުރަތަމަ ހަފްތާގައި ކުރިއަށްގެންދާނީ ދެ އަތޮޅުގެ ރައްޔިތުން އެ ހިދުމަތަށް އަހުލުވެރިކުރުމުގެ ފުރުސަތު ދިނުމަށް ހިލޭ ކުރިއަށްގެންދާ ދަތުރުތައް ކަމަށެވެ.
އަހުލުވެރިކުރުމަށް ކުރިއަށްގެންދާ ހިލޭ ދަތުރުތައް ނިންމައިލާނީ ފެބްރުއަރީ 25 ވަނަ ދުވަހުއެވެ. އެއަށްފަހު އެ ދެ އަތޮޅުގައި އާރްޓީއެލް ހިދުމަތް ހޯދޭނީ ޓިކެޓު ނަގައިގެންނެވެ. އާރްޓީއެލް ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ފަސޭހައިން ނެގޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.
ހަތަރު ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ ހިދުމަތް ފ. އަދި ދ.އަތޮޅުގައި މާދަން ފެށުމާއެކު ރާއްޖޭގެ 14 އަތޮޅެއްގައި އެ ހިދުމަތް ލިބޭނެ އެވެ.
އިތުރަށް ވުޒާރާއިން ބުނީ އެމްޓީސީސީން ކުރިއަށްގެންދާ މި މަޝްރޫއު ކުރިއަށްގެންދަނީ ތިން ފިޔަވައްސަކަށް މަސައްކަތް ބަހާލައި، 6 ޒޯނަކަށް ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ބަހާލައިގެން ކަމަށެވެ.
މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ކުޑަ އަގެއްގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު މަގުފަހިކޮށް، އިޖުތިމާއީ އިގުތިސާދީ މަންފާ ރައްޔިތުންނަށް ހޯދައިދިނުމެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ .މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި، ފާއިތުވި އަހަރު ތިން އަތޮޅެއްގައި އެ ހިދުމަތް ވަނީ ފަށާފަ އެވެ. އަދި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މިހާރު އެ ހިދުމަތް ނުފެށި އޮތް އަށް އަތޮޅުގައި ހިދުމަތް ފެށިގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.





