އިނގިރޭސިވިލާތުގެ ކުއީނާޑް ކުންފުނީގެ ކްރޫޒްލައިން ކުއީން އޭން 2،669 ފަތުރުވެރިންނާއި 1،250 ފަޅުވެރިންނާއެކު މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ކުއީނާޑް ކުންފުނިއަކީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރާއްޖެއަށް ކްރޫޒްލައިން ގެނައި ކުންފުންޏެވެ. މިފަހަރު ކުއީން އޭން ރާއްޖެއަށް ގެނެސްދިނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިންނެވެ.
ފުރަތަމަ ދަތުރު ފާހަގަ ކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި އިމިގްރޭޝަން، މާޔާ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ކްރޫޒްލައިނަށް ހަނދާނީ ފިލާ ހަދިޔާ ކުރިއެވެ. ހަފްލާގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަހްމަދު ފަސީހު ބައިވެރިވެވަޑައިގަތެވެ.
އިމިގްރޭޝަންގެ ޓީމެއް ސޭޝެލްސްއަށް ގޮސް އެތަނުން ކްރޫޒްލައިނާ ގުޅުމަށްފަހު ފަތުރުވެރިންނާއި ފަޅުވެރިންނަށް ކްލިއަރެންސް ހިދުމަތް ފޯރުކޮށްދިނެވެ.
ކުއީން އޭންގެ ތަފްސީލު:
- ދިގުމިން: 323 މީޓަރ
- ފުޅާމިން: 36 މީޓަރ
- ފަންގިފިލާ: 14
- ރެސްޓޯރެންޓް: 15
- ތިއޭޓަރ، ޖިމް، ފިޓްނަސް ސެންޓަރާއި އެހެނިހެން ހިދުމަތްތައް
ކްރޫޒްލައިން އައުން މަޑުޖެހިފައިވަނިކޮށް މާޔާގެ ކަންބޮޑުވުން ތަކަށް ރިއާޔަތްކޮށް ސަރުކާރުން އުސޫލުތައް ބަދަލުކޮށް މައްސަލަތައް ހައްލު ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ނިމުނު އަހަރު އެކަށީގެންވާ އަދަދަކަށް ކްރޫޒްލައިން އައެވެ.
މި އަހަރު މިހާތަނަށް ފަސް ކްރޫޒްލައިން އައިސްފައިވާއިރު، އަންނަ އާދީއްތަ ދުވަހު ހަވަނަ ކްރޫޒްލައިން ރާއްޖެއަށް އަންނަން ހަމަޖެހިފައިވެއެވެ.





