ރައީސްގެ ދަރިކަލުން އުމައިރު ސްޕޯޓްސް އެވޯޑަށް ނޮމިނޭޓް ވެއްޖެ

ރައީސްގެ ދަރިކަލުން އުމައިރު ސްޕޯޓްސް އެވޯޑަށް ނޮމިނޭޓް ވެއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ސްޕޯޓްސް މިނިސްޓްރީގެ އަހަރުގެ ޒުވާން ކުޅުންތެރިޔާގެ ފިރިހެން ކެޓަގަރީއަށް ނޮމިނޭޓް ވެއްޖެއެވެ.

އުމައިރު ނޮމިނޭޓް ކޮށްފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަނުންނެވެ. މި ކެޓަގަރީއަށް ފަސް ކުޅުންތެރިން ނޮމިނޭޓް ވެފައިވާއިރު، އެއީ މުހައްމަދު އަޒާން އަހްމަދު (ބީބީ)، އިޔަން އަހްމަދު (ބީބީ)، މުހައްމަދު ރިހާން ޝިހާމް (އެސްއޭއެމް)، އުމައިރު މުހައްމަދު މުއިއްޒު (ޓީޓީއޭއެމް) އަދި ޒީކް ހަސަން ލަތީފް (ޓީޓީއޭއެމް) އެވެ.

ނޮމިނޭޝަންތައް އިއްޔެ އާންމުކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން ރައީސްގެ ދަރިކަލުންނަށް އަމާޒުވިއެވެ.

މިކަމާ ގުޅިގެން ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުމައިރަކީ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިއެއްކަމަށާއި، ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި ރަނގަޅު ވަނަތަކެއް ހޯދައިފައިވާކަމަށެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަށް ނޮމިނޭޓްވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށްވީތީއެއް ނޫނެވެ. އެންމެ ކުޑައިރުން ފެށިގެން ކުރާ މަސައްކަތުންނެވެ. 2024 ވަނަ އަހަރު ހޯދި ކާމިޔާބީގެ ނަތީޖާއެވެ،" މަހްލޫފު ވިދާޅުވިއެވެ.

ހަގީގަތް ނުބަލާ ކުދިންގެ މިފަދަ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީކުރުން ހުއްޓާލަންޖެހޭކަމަށްވެސް މަހްލޫފު ވިދާޅުވިއެވެ.

މި އަހަރުގެ ސްޕޯޓްސް އެވޯޑް ހަފްލާ ބާއްވަން ހަމަޖެހިފައިވަނީ މި ހޮނިހިރު ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *