އީރާނުގެ ވެރިކަން ބަދަލުވުމަކީ އެންމެ ބޭނުންވާ ގޮތް: ޓްރަމްޕް

އީރާނުގެ ވެރިކަން ބަދަލުވުމަކީ އެންމެ ބޭނުންވާ ގޮތް: ޓްރަމްޕް

އީރާނުގައި މިހާރު އޮތް ވެރިކަން ބަދަލުވުމަކީ އެގައުމަށް އެންމެ ބޭނުންވާ ގޮތްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ނޯތު ކެރޮލައިނާގެ ފޯޓް ބްރެގް އަސްކަރީ މަރުކަޒުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް މިހެން ވިދާޅުވީ މެދުއިރުމަތީއަށް އެމެރިކާގެ ދެވަނަ މަތިންދާބޯޓު އުފުލާ މަނަވަރު ފޮނުވުމަށް އަމުރުކުރެއްވުމަށްފަހުއެވެ. ޓްރަމްޕްގެ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ހޫނުވެ، އެމެރިކާއާއި އީރާނާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައިވެއެވެ.

އީރާންގެ ވެރިކަން ބަދަލުކުރަން ބޭނުންފުޅުވޭތޯ ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އެއީ އީރާނަށް ވެދާނެ އެންމެ ރަނގަޅު ގޮތްކަމަށެވެ. ވޭތުވެދިޔަ 47 އަހަރު ވަންދެން އީރާނުން ދެއްކީ ހަމައެކަނި ވާހަކަކަމަށާއި، އޭގެ ސަބަބުން އެތައް ބައެއް ފުރާނަ ގެއްލިގެންދިޔަކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ދެން ވެރިކަމާ ހަވާލުވާން ބޭނުންވަނީ ކޮންބައެއްތޯ ނޫސްވެރިން ސުވާލުކުރުމުން، އެވާހަކަ ދައްކަވަން ބޭނުންފުޅު ނުވާކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރެވޭނެ ފެންވަރުގެ ގާބިލު މީހުން ތިބިކަމަށް އިޝާރާތްކުރެއްވިއެވެ.

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ، އެއްވެސް މިންވަރަކަށް އީރާނުން ޔުރޭނިއަމް މުއްސަނދިކުރަން އެމެރިކާއިން ބޭނުން ނުވާކަމަށެވެ.

ނިއުކްލިއަރ މައްސަލައިގައި އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާކުރުންތައް ފަށާފައިވާއިރު، އެމެރިކާއިން އީރާނަށް ދޭ އަސްކަރީ އިންޒާރުތައް ވަރުގަދަކޮށްފައިވެއެވެ. ޓްރަމްޕް ވަނީ އެމެރިކާގެ ދެވަނަ އެއަރކްރާފްޓް ކެރިއަރ ގުރޫޕެއް ވަރަށް އަވަހަށް މެދުއިރުމަތީއަށް ދަތުރުކުރަން ފަށާނެކަމަށް އިއުލާންކުރައްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *