ބަންގްލަދޭޝްގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އާންމު އިންތިޚާބު، އެގައުމުގެ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކޮށްފިއެވެ.
މިއީ 2024 ވަނަ އަހަރު ބަންގްލަދޭޝްގައި ހިނގި ޒުވާނުންގެ ވަރުގަދަ އިހުތިޖާޖުތަކަށްފަހު، ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ވެރިކަން ވެއްޓުނު ފަހުން އެ ގައުމުގައި ބޭއްވި ފުރަތަމަ އިންތިޚާބެވެ.
ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖުމްލަ 300 ގޮނޑި ހިމެނޭ ގާނޫނު ހަދާ މަޖިލީހުގެ (ޖާތިޔާ ސަންގްސަދު) 209 ގޮނޑި ކާމިޔާބުކޮށްފައިވަނީ ބީއެންޕީ ހިމެނޭ ކޯލިޝަނުންނެވެ. މިއީ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ބޮޑު އަގުލަބިއްޔަތެކެވެ.
މި ކާމިޔާބީއާއެކު، ބަންގްލަދޭޝްގެ ސިޔާސީ މަޝްރަހަށް ހަމަޖެހުން އަންނާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
ބީއެންޕީގެ ކެމްޕޭނުގައި އިސްކޮށް ހުންނެވީ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އާއި ކުރީގެ ރައީސް ޒިއާއުއްރަހްމާންގެ ދަރިކަލުން، އުމުރުން 60 އަހަރުގެ ތޯރިޤު ރަހްމާނެވެ. އޭނާއަކީ މި އިންތިޚާބުގައި ބޮޑުވަޒީރުކަމުގެ މަގާމަށް އެންމެ ބޮޑަށް ވާދަކުރެއްވި ބޭފުޅާވެސް މެއެވެ.
ބީއެންޕީގެ މައިގަނޑު ކެމްޕޭން ވައުދުތަކުގެ ތެރޭގައި ފަގީރު އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެކަކަށް ބޮޑުވަޒީރުކަން ކުރެވޭނެ އެންމެ ދިގު މުއްދަތަކީ 10 އަހަރު ކަމަށް ކަނޑައެޅުން ހިމެނެއެވެ. މީގެ އިތުރުން ބޭރުގެ އިންވެސްޓްމަންޓްތަކާއެކު ގައުމުގެ އިގްތިސާދު ވަރުގަދަކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކުރުމަށް އެ ޕާޓީން ވަނީ ވައުދުވެފައެވެ.
175 މިލިއަން މީހުންގެ އާބާދީއެއް އޮންނަ، އިސްލާމީ އަޣްލަބިއްޔަތު އޮތް ބަންގްލަދޭޝްގައި މި އިންތިޚާބުގެ ނަތީޖާ ސާފުވުން މުހިންމުވީ، ޝައިޚް ހަސީނާގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ގައުމުގެ އާންމު ދިރިއުޅުމަށާއި، ގައުމުގެ މައިގަނޑު ސިނާއަތް ކަމަށްވާ ފޭރާން އުފައްދާ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ. ބަންގްލަދޭޝްއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ފޭރާން އެކްސްޕޯޓްކުރާ ގައުމެވެ.
މި އިންތިޚާބުގެ ނަތީޖާއާއެކު، ބަންގްލަދޭޝްގައި އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.





