ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ފައިނަލުގައި ބައްދަލު ކުރާނީ ހދ. ނައިވާދޫއާއި ގއ. ދެއްވަދޫ އެވެ.
ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ މި ފަހަރުގެ ފައިނަލަކީ ޖެހިޖެހިގެން ދެވަނަ ފަހަރަށް އާ ޗެމްޕިއަނެއް ފެނިގެންދާނެ މެޗެކެވެ. ނައިވާދޫން ކުޅެނީ ޖެހިޖެހިގެން ދެވަނަ ފައިނަލުގައި ނަމަވެސް، މިއީ ދެއްވަދޫން ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.
ސެމީ ފައިނަލުގައި ނައިވާދޫން ކުޅުނީ 2024 ވަނަ އަހަރުގެ ޗެމްޕިއަން އޭދަފުށީއާއެވެ. ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވިއިރު، ޕެނަލްޓީގައި ނައިވާދޫ 6-4 އިން މޮޅުވިއެވެ. ނައިވާދޫން ލީޑު ނެގީ އަބްދުﷲ ޝާފިއު (ޝާއްޕެ)ގެ ގޯލުންނެވެ. އޭދަފުށިން އެއްވަރުކުރީ މުހައްމަދު ފާސިރު (ފާއްޓޭ)އެވެ. ޕެނަލްޓީގައި އޭދަފުށީގެ އަލީ ނަސީމް (ދިއްލި)ގެ ޕެނަލްޓީ ނައިވާދޫ ކީޕަރު އިބްރާހިމް ނާޖިހު (ހޭޓް) މަތަކުރިއެވެ.
ދެވަނަ ސެމީ ފައިނަލް މެޗުގައި ފޯރިގަދަ މެޗަކަށްފަހު ދެއްވަދޫން 4-3 އިން ވިލިމާލެ ބަލިކުރިއެވެ. އަލީ ހައިޝަމް (ޗުމްޕު)ގެ ލަނޑުން ދެއްވަދޫން ލީޑު ނެގިއެވެ. އަލީ ޝިޔާހު (ޝިޔަޅޭ)ގެ ހިލޭ ޖެހުމުން ވިލިމާލެ އެއްވަރުކުރި ނަމަވެސް، ހުޒައިފަތު ރަޝީދު (ހުޒޭ)ގެ ލަނޑުން ދެއްވަދޫން ފުރަތަމަ ހާފު ލީޑުގައި ނިންމާލިއެވެ.
އެ މެޗުގެ ދެވަނަ ހާފުގައި މުހައްމަދު އިމްރާން (އިންމި)، އަބްދުﷲ ސަމީހު (ސަމިއްޓެ)، ވިޝާހު އަބްދުލް މަޖީދު (ވިއްޓު) އަދި ޝިޔަޅޭ ލަނޑުޖެހިއެވެ. ދެއްވަދޫގެ ކީޕަރު އިބްރާހިމް ޝަޒްލީލް ވިލިމާލޭގެ ދުރު ޕެނަލްޓީއެއް މަތަކުރިއެވެ.
ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭގައެވެ. މިއީ މުބާރާތުގެ 10 ވަނަ އަހަރެވެ. މީގެ ކުރިން ތިމަރަފުށި ތިން ފަހަރު، ގަން، އޭދަފުށި، ހިތާދޫ، މާފަންނު، ހެންވޭރު އަދި ކާށިދޫ މި މުބާރާތުގެ ތަށި ހޯދައިފައިވެއެވެ.




