މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން، އެންމެގިނައިން ޗައިނާ އާއި ރަޝިޔާއިން

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން، އެންމެގިނައިން ޗައިނާ އާއި ރަޝިޔާއިން

މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް 300,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިހާރު ޒިޔާރަތްކުރަމުންދަނީ ޗައިނާއިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގަދަ 10 ގައުމުގެ ލިސްޓުގެ ކުރީގައި އުޅެނީ އަންނަނިވި ގައުމުތަކެވެ:

  1. ޗައިނާ – 39,132 ފަތުރުވެރިން
  2. ރަޝިއާ – 36,565 ފަތުރުވެރިން
  3. އިޓަލީ – 30,656 ފަތުރުވެރިން
  4. އިނގިރޭސިވިލާތް – 27,864 ފަތުރުވެރިން
  5. ޖަރުމަނު – 18,630 ފަތުރުވެރިން
  6. އިންޑިއާ – 11,223 ފަތުރުވެރިން
  7. ފްރާންސް – 10,569 ފަތުރުވެރިން
  8. އެމެރިކާ – 8,192 ފަތުރުވެރިން
  9. ޕޮލެންޑް – 7,986 ފަތުރުވެރިން
  10. އޮސްޓްރިއާ – 6,459 ފަތުރުވެރިން

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ރާއްޖެ އެތެރެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެއީ 299,764 ފަތުރުވެރިންނެވެ. މީގެ އިތުރުން މާފަރު އެއާޕޯޓުން 1,012 ފަތުރުވެރިން، ގަން އެއާޕޯޓުން 962 ފަތުރުވެރިން، އަދި ހަނިމާދޫ އެއާޕޯޓުން 835 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މާމިގިލި އެއާޕޯޓުން 591 ފަތުރުވެރިން އަދި ދާލު އެއާޕޯޓުން 325 ފަތުރުވެރިން ވެސް ރާއްޖެ އައިސްފައިވެއެވެ.

ފަތުރުވެރިން ޗުއްޓީ ހޭދަކުރި ފެސިލިޓީތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރިސޯޓުތަކަށެވެ. އެގޮތުން 206,405 ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު، ގެސްޓްހައުސްތަކުގައި 82,098 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން ހޮޓާތަކުގައި 8,305 ފަތުރުވެރިން، ސަފާރީ އުޅަނދުތަކުގައި 6,387 ފަތުރުވެރިން، އަދި އެހެނިހެން ފެސިލިޓީތަކުގައި 293 ފަތުރުވެރިން ވަނީ މަޑުކޮށްފައެވެ.

މިވަގުތު ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތް ދެމުންދާ ތަންތަނުގެ ތެރޭގައި 179 ރިސޯޓު، 911 ގެސްޓްހައުސް، 169 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ ހިމެނެއެވެ. މި ހުރިހާ ފެސިލިޓީތަކެއްގައި ޖުމްލަ 67,009 އެނދު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ތައްޔާރަށް އެބަހުއްޓެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މިއަހަރު ތެރޭގައި ރެކޯޑް މިންވަރަކަށް އިތުރުކުރުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *