ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް 2 ގައި އަންގާރަ ދުވަހުގެރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީ ނިއުރޭޑިއަންޓުންނެވެ. ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ލައިބީރިއާގެ ޢަބްދުﷲ ޔާޔާ ބިލިޓީ ނިއުއަށް ލީޑު ހޯދައިދިނެވެ.
ދެވަނަ ހާފުގައި އޮޑީން ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ، ހަމަލާތައް އުފައްދައި، ފުރަތަމަ 20 މިނެޓުގެ ތެރޭގައި ރަނގަޅު ފުރުސަތުތައް ހޯދިއެވެ. 10 ވަނަ މިނެޓުގައި ހުނަރުވެރި ކުޅުމަކާއެކު ނިއުރޭޑިއަންޓުގެ ޑިފެންޑަރުން ކައިރިން ނައްޓާލައި، ޑިފެންސްލައިން ފޫއަޅުވާލުމަށްފަހު އޮޑިއަށް މި ލަނޑު ކާމިޔާބު ކުރުމުގައި ބޮޑު އެހީއެއް ވެ ދިނީ މުޒްދާން ހަސަންއެވެ. މުޒްދާން އޭރިއާ ތެރެއަށް ވަދެ ފޮނުވާލަން މަސައްކަތްކުރި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި މި ލަނޑު ނިއުގެ ގޯލަށް ވަނީ އަޙްމަދު އިނާންގެ ފައިގައި ޖެހިފައި ބައިކޮޅަށެވެ.
އޮޑީގެ ލަނޑަށްފަހު މުޖްދާން ވަނީ އިތުރު ފުރުސަތެއްގައި އޭރިއާ ތެރެއަށް ވަދެ ގޯލާ ދިމާލަށް ރަނގަޅު ބޯޅައެއް ފޮނުވާލާފައެވެ. ކައިރި ކަނަށް އަމާޒުކުރި މި ހަމަލާ ގޯލަށް ވަނުމަށް ހުރަހަކަށްވީ ނިއުގެ ގޯލްކީޕަރު ފައިސަލްއެވެ.
މެޗުގައި ރެފްރީގެ ބައެއް ނިންމުންތަކާމެދު ކުޅުންތެރިންނާއި ދެ ޓީމުގެ އޮފިޝަލުންނާއި ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ނިއުގެ ސަޕޯޓަރުން މެޗަށްފަހުވެސް ރެފްރީންނާ ދެކޮޅަށް އަޑުއުފުލިއެވެ. ގްރޫޕުގައި ހިމެނޭ ތިންވަނަ ޓީމަކީ ކްލަބް އީގަލްސްއެވެ. ހުކުރު ދުވަހު ހަވީރު ބައްދަލުކުރާނީ ނިއުއާއި އީގަލްސްއެވެ.





