24 ގަޑިއިރުގެ ތެރޭގައި ރާއްޖެއަށް ޓޫރިސްޓުން އަންނަ އަދަދުގެ ރެކޯޑު ހަފުތާއެއްގެ ތެރޭގައި ދެވަނަ ފަހަރަށް އާކޮށްފި އެވެ.
މި މަހުގެ ފުރަތަމަ ދުވަހު 10،253 ޓޫރިސްޓުންނާއެކު ރެކޯޑެއް ގާއިމުކުރި ނަމަވެސް، އިއްޔެ އެއަދަދު އިތުރުކޮށް 10،462 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
އިއްޔެ 10،462 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އެހެންކަމުން، މިއީ މިދިޔަ ހަފުތާގެ ތެރޭގައި 24 ގަޑިއިރުގެ ތެރޭގައި 10،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކުރި ތިންވަނަ ފަހަރެވެ. މިދިޔަ ހޮނިހިރު ދުވަހު 10،056 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.
މި މަހުގެ ފުރަތަމަ ހަފުތާގެ އަދަދު މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 8 ޕަސެންޓުގެ ކުރިއެރުމެއް ފެނިގެންދެއެވެ.
މިއަހަރު މިހާތަނަށް 295،589 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރު މިވަގުތަށް އައި 279،915 ޓޫރިސްޓުންނާ އަޅާބަލާއިރު މިއީ 5.6 ޕަސެންޓުގެ ކުރިއެރުމެކެވެ.
އަދަދު އިތުރުވަމުން އަންނަނީ ޗައިނާއިން އަންނަ ފަތުރުވެރިން އިތުރުވަމުންދާތީއެވެ. "ޗައިނީސް ނިއު އިޔާ" ފާހަގަކުރާ މި މޫސުމުގައި އެގައުމުގެ ފަތުރުވެރިންގެ އަދަދު އާންމުކޮށް ވަރަށް ބޮޑަށް އިތުރުވެއެވެ. މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ނަމަވެސް، މިހާރު އެންމެ ބޮޑު މާރކެޓަކީ ޗައިނާއެވެ.
ފާއިތުވި ދެ އަހަރު ރާއްޖެއަށް ރެކޯޑް މިންވަރަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރު ހާސިލުކުރި 2.24 މިލިއަންގެ ރެކޯޑު މިއަހަރު އިތުރުކޮށް 2.4 މިލިއަނަށް ގެނައުމަކީ ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއެވެ.





