އިންސާނުންގެ ތެރެއިން އެންމެ ގިނަ ދުވަހު ދުނިޔޭގައި ހުރި މީހުންގެ ތާރީޚަށް ބަލާއިރު، އެއް ނަމެއް އެންމެންގެ މައްޗަށް ކުރި ހޯދާފައިވެއެވެ. އެއީ ޖީން ލުއިސް ކަލްމެންޓް އެވެ.
ފަރަންސޭސިވިލާތުގެ އާލްސްއަށް 1875 ވަނަ އަހަރު (ބޮކި ނުވަތަ ފޯނު އީޖާދުކުރުމުގެވެސް ކުރިން) އުފަންވި މި އަންހެން މީހާ ވަނީ 122 އަހަރާއި 164 ދުވަސް ވަންދެން ދުނިޔޭގައި ހުރެފައެވެ. މިއީ މިއަދާ ހަމައަށްވެސް މުގުރާނުލެވި އޮތް ރެކޯޑެކެވެ.
ނަމަވެސް، އޭނާގެ އާދަޔާ ޚިލާފު އުމުރުގެ އިތުރުން، ޖީން އެންމެ ބޮޑަށް މަޝްހޫރު ވެފައިވަނީ ޑޮކްޓަރުންނާއި ސައިންސްވެރިން ހައިރާންކޮށްލުވާ ފަދަ އާދައެއްގެ ސަބަބުންނެވެ. ތާރީޚުގައިވެސް އެންމެ ގިނަ ދުވަހު ދިރިހުރި ކަމަށް ކަށަވަރުވެފައިވާ މި އަންހެން މީހާއަކީ 96 އަހަރު ވަންދެން ދުންފަތުގެ އިސްތިއުމާލުކުރި މީހެކެވެ.

ދުންފަތާއެކު ހޭދަކުރި ގަރުނެއް ޖީން ކަލްމެންޓް ހަމައެކަނި އޭނާގެ އެކުވެރިންނަށްވުރެ ގިނަ ދުވަހު ދުނިޔޭގައި ހުރީކީ ނޫނެވެ. އޭނާ ވަނީ އޭނާގެ ދަރިންނާއި، މާމަދަރިންނާއި، އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ނަސޭހަތްތެރިވި ޑޮކްޓަރުންނަށްވުރެވެސް ގިނަ ދުވަހު ދިރިހުރެފައެވެ. އޭނާ ދުންފަތުގެ އިސްތިއުމާލު ކުރަން ފެށީ 1896 ވަނަ އަހަރު، އުމުރުން 21 އަހަރުގައި ކައިވެނިކުރިތާ މާގިނަ ދުވަހެއް ނުވަނީހެވެ.
އެ ދުވަސްވަރަކީ ފަރަންސޭސި މުޖުތަމައުގައި އަންހެނުން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވަރަށް ތަފާތު ކަމެއްގެ ގޮތުގައި ދެކުނު ޒަމާނެކެވެ.
މިހާރުގެ ޗެއިން ސްމޯކަރުންނާ ޚިލާފަށް، ޖީން ދުންފަތުގެ އިސްތިއުމާލު ކުރީ ވަރަށް މެދު މިންވަރަކަށެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ ދުވާލަކު ބުއީ ދެ ސިނގިރޭޓެވެ. އެއީ އާންމުކޮށް ކެއުމަށްފަހުގައެވެ. އަދި ބައެއް ފަހަރު ސިގާވެސް ބުއެވެ. އޭނާގެ ވާހަކަ ޚާއްސަވާ ސަބަބަކީ މިކަން ކުރި މުއްދަތެވެ. އުމުރުން 21 އަހަރުން ފެށިގެން 117 އަހަރު ވަންދެން އޭނާ މެދުކެނޑުމެއްނެތި ދުންފަތުގެ އިސްތިއުމާލު ކުރިއެވެ.
އޭނާ ސިނގިރޭޓު ބުއިން ހުއްޓާލީ ސިއްހީ ސަބަބަކާ ހުރެއެއް ނޫނެވެ. އޭނާ ބެލެހެއްޓި ފަރާތްތަކުން ބުނާ ގޮތުގައި، އޭނާ މިކަން ހުއްޓާލީ ލޮލުގެ ފެނުން ދަށްވެ، އަމިއްލައަށް ސިނގިރޭޓު ރޯކުރަން ނުކުޅެދުމުން، އެހެން މީހުން ކައިރީގައި ސިނގިރޭޓު ރޯކޮށްދިނުމަށް އެދުމަށް ޖެހިލުން ވާތީއެވެ. ސިނގިރޭޓު ބުއިން ހުއްޓާލިތާ 5 އަހަރު ފަހުން، 1997 ވަނަ އަހަރު އޭނާ މި ދުނިޔެ ދޫކުރިއެވެ.
ޖީން ކަލްމެންޓްގެ ވާހަކައަކީ "ލޯންޖެވިޓީ ޕެރަޑޮކްސް" ނުވަތަ އުމުރު ދިގުވުމުގެ އަރަތެއްގެ ގޮތުގައި ގިނަ ފަހަރަށް ފާހަގަ ކުރެވެއެވެ. ސައިންސްގެ އަލީގައި އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކް ފަދަ ބަލިތަކަށް މަގުފަހިކޮށް، މަރުވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. އެހެންކަމަށް ވާއިރު، ޖީން މިކަމުން ސަލާމަތްވީ ކިހިނެއް ހެއްޔެވެ؟
މިކަމާ ގުޅޭގޮތުން ދިރާސާކުރާ ފަރާތްތަކުން ބައެއް ނަޒަރިއްޔާތުތައް ހުށަހަޅާފައިވެއެވެ:
ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ޖީންއަށް ލިބިފައިވަނީ ވަރަށް ނާދިރު "ޖެނެޓިކް ރެސިލިއެންސް" ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރުގަދަ ޖީންތަކެކެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި 110 އަހަރަށްވުރެ ގިނަ ދުވަހު ދިރިތިބޭ މީހުންގެ (ސުޕަރސެންޓެނޭރިއަނުންގެ) ގައިގައި، ދުންފަތް ފަދަ ވިހަ މާއްދާތަކުން ސެލްތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދޭ ޚާއްސަ ޖީންތަކެއް ހުރެދާނެއެވެ.
ފިކުރު ބޮޑުނުވުން (ލޯ ސްޓްރެސް): ޖީން އުޅުނީ ވަރަށް އަރާމު ދިރިއުޅުމެކެވެ. އޭނާ ކައިވެނިކުރީ މުއްސަނދި އާއިލާއަކާއެވެ. އަދި ދުވަހަކުވެސް މަސައްކަތް ކުރާކަށް ނުޖެހެއެވެ. އޭނާގެ ވަގުތުތައް ހޭދަކުރީ ފެންސިންގ، ބައިސްކަލް ދުއްވުން (އުމުރުން 100 އަހަރު ވަންދެން)، އަދި ޕިއާނޯ ކުޅުމުގައެވެ. އޭނާގެ ހަމަޖެހޭ މިޒާޖުގެ ސަބަބުން ސްޓްރެސް ހޯރމޯންތައް ދަށްވެ، ހިތުގެ ސިއްހަތު ރަނގަޅަށް ހުރުމަށް އެހީތެރިވީ ކަމަށް ބެލެވެއެވެ.
ކެއުމާއި ދިރިއުޅުމުގެ ވައްޓަފާޅި: ދުންފަތުގެ އިސްތިއުމާލު ކުރި ނަމަވެސް، އޭނާގެ ދިރިއުޅުމުގެ އެހެން ކަންކަން ހުރީ ވަރަށް ސިއްހަތަށް ފައިދާހުރި ގޮތަކަށެވެ. އޭނާ ގިނަ އަދަދަކަށް ޒައިތޫނި ތެޔޮ ބޭނުން ކުރިއެވެ އެއީ ކެއުމަށާއި ހަމުގައި އުނގުޅުމަށެވެ. އަދި ހަފްތާއަކު ގާތްގަނޑަކަށް ދެ ޕައުންޑް ޗޮކްލެޓް ކެއެވެ.
ޖީން ކަލްމެންޓްގެ ވާހަކައަކީ ޝައުގުވެރި ވާހަކައެއް ނަމަވެސް، ސައިންސްވެރިން އިންޒާރު ދެނީ އޭނާއަކީ މިސާލެއްގެ ގޮތުގައި ނުބެލުމަށެވެ. ތަފާސްހިސާބުގެ އިލްމުވެރިން ސިފަކުރާ ގޮތުގައި އޭނާއަކީ "އައުޓްލަޔަރ" އެކެވެ. މާނައަކީ އާންމު މިންގަނޑުތަކާ މުޅިން ޚިލާފު، ވަރަށް ނާދިރު ހާލަތެކެވެ.
ދުންފަތުގެ އިސްތިއުމާލުކޮށް 122 އަހަރަށް ދިރިހުންނަ ކޮންމެ ޖީން ކަލްމެންޓް އަކަށް، ދުންފަތުގެ ސަބަބުންޖެހޭ ބަލި ތަކުގައި އެތައް މިލިއަން ބަޔަކު އަވަހަށް މަރުވެދެއެވެ. އޭނާ ދިރިހުރީ އެ އާދައިގެ ރައްކާތެރިކަމުން ނޫން ކަމަށާއި، އެއީ އޭނާގެ "ޖެނެޓިކް ނަސީބު" ކަމަށް ބެލެވެއެވެ.
ޖީން ކަލްމެންޓް މަރުވީ 1997 ގެ އޮގަސްޓް މަހުއެވެ. އޭނާ މަރުވީ މިއަދާ ހަމައަށްވެސް މުގުރާނުލެވޭ ފަދަ ރެކޯޑެއް ދޫކޮށްފައެވެ.
މަޝްހޫރު ކުރެހުންތެރިޔާ ވިންސެންޓް ވެން ގޮގްއާ އޭނާ ބައްދަލުވިއެވެ އޭނާ ބުނި ގޮތުގައި ވެން ގޮގް އަކީ "ހުތުރު އަދި ރުޅިގަދަ" މީހެކެވެ. އޭނާ ވަނީ އައިފެލް ޓަވަރު އިމާރާތްކުރި ތަން ދެކެފައެވެ. އަދި ދެ ބޮޑު ހަނގުރާމަ ތަޖުރިބާ ކޮށްފައެވެ.
އޭނާ ވެފައިވަނީ ބަޔޮލޮޖިކަލް އަރަތަކަށް އަދި ސަގާފީ ލެޖެންޑަކަށެވެ. އެއީ ސިއްހަތަށް ގެއްލުންހުރި ކަންކަން ކުރިނަމަވެސް، އެހެން އެންމެންނަށްވުރެ ގިނަ ދުވަހު ދިރިހުރި އަންހެން މީހާގެ ގޮތުގައެވެ.
ޖީން ކަލްމެންޓްއާ ގުޅޭ ކުރު މައުލޫމާތު
އުފަންވީ: 21 ފެބްރުއަރީ 1875
މަރުވީ: 4 އޮގަސްޓް 1997
އުމުރު: 122 އަހަރާއި 164 ދުވަސް
ދުންފަތުގެ އިސްތިއުމާލުކުރި މުއްދަތު: 96 އަހަރު (އުމުރުން 21 އިން 117 އަށް)
ހުއްޓާލި ސަބަބު: ލޮލަށް ނުފެނުމުގެ ސަބަބުން އަމިއްލައަށް ސިނގިރޭޓު ރޯކުރަން ނުކުޅެދުން.
މަޝްހޫރު ބަސްކޮޅު: "އަހަރެންގެ ހުރީ އެންމެ ރުލެއް، އެ ހުރީވެސް އަހަރެން އިށީނދެގެން އިން ތަނުގަ"




