އީރާން މައްސަލައިގައި ނަތަންޔާހޫ އާއި ޓްރަމްޕް ބައްދަލު ކުރަނީ

އީރާން މައްސަލައިގައި ނަތަންޔާހޫ އާއި ޓްރަމްޕް ބައްދަލު ކުރަނީ

އީރާނާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކާ ގުޅޭ ވާހަކަތައް ދައްކަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އަންނަ ބުދަ ދުވަހު ބައްދަލު ކުރައްވާނެ ކަމަށް ނަތަންޔާހޫގެ އޮފީހުން ބުނެފިއެވެ.

އީރާނާއި އެމެރިކާގެ އޮފިޝަލުން މިދިޔަ ހުކުރު ދުވަހު ނިއުކްލިއާ މަޝްވަރާތައް އޮމާންގައި ނުސީދާކޮށް ވަނީ ބޭއްވައިފައެވެ. ފުރަތަމަ މަޝްވަރާ ބައްދަލުވުމަށްފަހު ދެގައުމުންވެސް ބުނީ ވަރަށް އަވަހަށް އިތުރު މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށް ބެލެވޭކަމަށެވެ.

އީރާނުގެ ސަރަހައްދީ ޑިޕްލޮމެޓަކު ރޮއިޓާސްއަށް ވިދާޅުވީ، އެމެރިކާއާއެކު ބޭއްވި މަޝްވަރާތަކުގައި އީރާނުން "ޔުރޭނިއަމް ފައްކާކުރުމުގެ ހައްގު" އޮތްކަމާ ގުޅޭގޮތުން ވާހަކަދައްކާފައިވާކަމަށާއި، އީރާނުގެ މިސައިލް ގާބިލްކަމާ ބެހޭގޮތުން މަޝްވަރާ ކޮށްފައި ނުވާކަމަށެވެ. އީރާނުގެ މިސައިލްތަކާ ބެހޭގޮތުން މަޝްވަރާކުރަން ބޭނުންވެސް ނުވާކަމަށް އީރާނުގެ އޮފިޝަލުން ވިދާޅުވެފައިވެއެވެ.

ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ބޮޑުވަޒީރު ގަބޫލުކުރާގޮތުގައި މި މަޝްވަރާތަކުގެ ތެރޭގައި ބެލިސްޓިކް މިސައިލްތައް މަދުކުރުމާއި، އީރާނުގެ އެކްސިސްއަށް ތާއީދުކުރުން ހުއްޓާލުން ހިމެނެންޖެހޭކަމަށެވެ. އަދި މިސައިލްތަކުގެ ރޭންޖް 300 ކިލޯ މީޓަރަށް ކުޑަކުރުވުން އެޖެންޑާ ކުރުން ވެސް ހިމަނަން ޓްރަމްޕަށް ޕްރެޝަރު ކުރާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އީރާނުން ބުނެފައިވަނީ އެގައުމުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމަކީ އެ ގައުމުގެ ދިފާއު ކަމަކަށް ވާތީ، އެކަމާ ބެހޭގޮތުން އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށެވެ. އަދި މަޝްވަރާކުރެވޭނީ ހަމައެކަނި ނިއުކްލިއާ މަޝްއޫރުއާ ގުޅޭ ގޮތުން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *