އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އޮމާންގައި އެމެރިކާ އާއި އީރާނާ ދެމެދު ބޭއްވި ނުދިސާ މަޝްވަރާތައް ވަރަށް ރަނގަޅު ކަމަށާއި ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ފްލޮރިޑާގައި ހުންނަ މާ-އަ-ލާގޯ ރިސޯޓަށް ދަތުރުކުރެއްވުމަށް އެއާފޯސް ވަންއަށް އަރައިވަޑައިގަންނަވަމުން ނޫސްވެރިންނަށް ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނާއެކު ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރިއަށް ދިޔަ ކަމަށެވެ.
އީރާނުންވެސް ބުނީ މަޝްވަރާގެ މާހައުލު ވަރަށް "ފައްސި" ކަމަށާއި، ކުރިއަށް އޮތްތަނުގައި އިތުރަށް ވާހަކަދައްކާނެކަމަށް އުންމީދު ކުރެވޭކަމަށެވެ.
މިއީ އީރާނަށް އިޒްރޭލާއި އެމެރިކާއިން މިދިޔަ އަހަރުގެ ޖޫން މަހު ދިން ވަރުގަދަ ހަމަލާތަކަށްފަހު އެމެރިކާ އާއި އީރާނުން ބޭއްވި ފުރަތަމަ މަޝްވަރާއެވެ. އީރާން ސަރުކާރާ ދެކޮޅު މުޒާހަރާތައް ބާރުގެ ބޭނުންކޮށްގެން ރޫޅާލުމާއެކު، އެމެރިކާއިން އީރާނަށް އަސްކަރީ ގޮތުން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީ މަނަވަރުތައްވެސް އެސަރަހައްދަށް ފޮނުވުމަށްފަހު މި މަޝްވަރާތައް ފަށާފައިވެއެވެ.
މަޝްވަރާތައް ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާލައިގެން ނޫނެވެ. އެމެރިކާ އާއި އީރާންގެ ވަފްދު ސީދާ ބައްދަލު ނުކުރެއެވެ. މެދުވެރިއަކަށް އޮމާންގެ އޮފިޝަލުން ތިއްބަވައިގެން ވާހަކަތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މަޝްވަރާތައް ނިންމާލިކަން އިއުލާނުކުރިތާ އިރުކޮޅަކަށްފަހު އެމެރިކާއިން ވަނީ އީރާންގެ ތެޔޮ އެކްސްޕޯޓްކުރުމަށް ހުރަސްއެޅުމުގެ ގޮތުން ބައެއް ޝިޕިން ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އެޅިކަން އިއުލާނުކޮށްފައެވެ. އެކަމަކު މިއީ މަޝްވަރާތަކާ ގުޅުން ހުރި ނިންމުމެއްކަމެއް ނޭނގެއެވެ.
އެމެރިކާއިން އީރާނަށް އިތުރު އިންޒާރުތައް ދޭނަމަ ނަތީޖާ ރަނގަޅު ނުވާނެކަމަށް އީރާނުން ބުނަމުން އަންނައިރު، ޓްރަމްޕް މިފަހަރުވެސް ވަނީ އީރާނުން އެއްބަސްވުމަކަށް ނާންނަނަމަ ނުކުންނަ ނަތީޖާ ވަރަށް ގޯސްވާނެކަމުގެ އިންޒާރު ތަކުރާރުކުރައްވައިފައެވެ.
މަޝްވަރާތަކުގައި އީރާނުން އިސްކޮށް ހުންނަވާ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ ވިދާޅުވީ ވާހަކަދައްކަން އެއްބަސްވެފައިވަނީ ހަމައެކަނި ނިއުކްލިއާ ޕްރޮގްރާމާ ބެހޭގޮތުން ކަމަށެވެ. އެމެރިކާ އާއި ހުޅަނގުން ތުހުމަތުކުރާގޮތުގައި އީރާނުން ނިއުކްލިއާ ޕްރޮގްރާމް ހިންގަނީ ހަތިޔާރު އުފެއްދުމަށެވެ. އެކަމަކު އީރާނުން އަބަދުވެސް ބުނަމުން އަންނަނީ އެއީ މަދަނީ ބޭނުންތަކަށް ހިންގާ މަޝްރޫއުއެއްކަމަށެވެ.
މުޒާހަރާތަކުގައި 3،000 މީހުން މަރުވިކަމަށާއި، އޭގެ ތެރޭގައި ގިނައީ ސަލާމަތީ ބާރުތަކުގެ މީހުންކަމަށް އީރާނުން ބުނެފައިވެއެވެ. އެކަމަކު އެމެރިކާގެ ޖަމާއަތެއްކަމަށްވާ ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އެޖެންސީން ބުނެފައިވާގޮތުގައި 6،872 މީހަކު މަރުވިކަން ކަށަވަރުވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ ސަލާމަތީ ބާރުތަކުން ހަމަލާދިނުމުން މަރުވި މުޒާހަރާގެ ބައިވެރިންކަމަށްވެސް ބުނެފައިވެއެވެ.




