ކަނޑު އަޑިން 3 އަތޮޅަކަށް ދަތުރުކޮށް ޝަފްރާޒް ވޯލްޑް ރެކޯޑެއް ހަދައިފި

ކަނޑު އަޑިން 3 އަތޮޅަކަށް ދަތުރުކޮށް ޝަފްރާޒް ވޯލްޑް ރެކޯޑެއް ހަދައިފި

ދިވެހި ޑައިވަރު ޝަފްރާޒް ނައީމް ކަނޑުއަޑިން އަތޮޅު ތަކަށް ދަތުރުކޮށް ދުނިޔޭގެ ރެކޯޑެއް ޤާއިމްކޮށްފިއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން "އެކްރޮސް މޯލްޑިވްސް 2026″ ގެ ނަމުގައި ކަނޑުއަޑީގައި ރެކޯޑެއް ގާއިމްކުރުމަށް ކުރިއަށްގެންދިޔަ ތާރީޚީ ހަރަކާތުގައި ދިވެހި ޑައިވަރު ޝަފްރާޒް ނައީމް ބައިވެރިވިއެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ފެށި މިދަތުރަކީ "ވިޒިޓް މޯލްޑިވްސް ބުކް އޮފް ރެކޯޑްސް"އަށް މިއަހަރު ހުށަހެޅޭ ފުރަތަމަ ރެކޯޑް ގާއިމްކުރުމުގެ ހަރަކާތެވެ.

ހަރަކާތް ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ މިހަރަކާތަކީ ދޮޅު އަހަރު ކުރިން ރާވައިގެން ޝަފްރާޒްއާއެކު ކުރިއަށް ގެންދިޔަ ކަމެއްކަމަށާއި، ޝަފްރާޒަކީ އިތުބާރު ހިފޭ ޑައިވަރަކަށް ވުމުން މިހަރަކާތް ކުރިއަށް ގެންދިޔަ ކަމަށެވެ.

މި ހަރަކާތުގައި 3 އަތޮޅަކަށް ކަނޑު އަޑިން ދަތުރުކޮށް ޝަފްރާޒް 2 ރެކޯޑެއް ގާއިމްކުރިއެވެ. އެއީ ޑީޕީވީ ބޭނުން ކޮށްގެން އެއް ފަހަރު ފީނައިގެން 90 ގަޑިއިރަށްވުރެ ގިނަ ވަގުތު ދަތުރު ކުރުން އަދި އެއް މަސް ދުވަހުގެ ތެރޭގައި ޑީޕީވީ ބޭނުން ކޮށްގެން 450 ކިލޯމީޓަރަށްވުރެ ދިގު ރާސްތާއަކަށް ދަތުރުކުރުމެވެ.

މި ހަރަކާތާ ގުޅިގެން ޝަފްރާޒް ބުނީ މިފަދަ ކަމެއް ކުރުމަކީ 20 އަހަރު ކުރިން ފެށިގެން ދެކެމުންއައި ހުވަފެނެއް ކަމަށާއި، މިކަމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށެވެ.

މި ހަރަކާތަކީ ރާއްޖޭގެ ކަނޑުތައް ރައްކާތެރި ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ނަން ދުނިޔޭގެ ފެންވަރުގައި އުފުލާލުމަށް ފަށާ ގައުމީ ކެމްޕޭނެއްގެ ފެށުމެވެ.

މި ރަސްމިއްޔާތުގައި ޝަފްރާޒަށް މި ރެކޯޑްތައް ފުރިހަމަ ކުރިކަމުގެ ހަނދާނީ ފިލާ ހަވާލު ކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިގް އިބްރާހިމް އަދި ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ.

މި ރެކޯޑް ހެދުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖެ "ކަނޑުގެ ގައުމެއް"ގެ ގޮތުގައި އިޝްތިހާރުކޮށް، އެޑްވެންޗަރ އަދި ތަޖުރިބާކާރު ފަތުރުވެރިކަމުގެ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ކުރިއެރުވުމެވެ. މި ދަތުރުގެ ސަބަބުން ރާއްޖޭގެ ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތަކާއި، ދިރުން ތަކުން މުއްސަނދި މާހައުލުގެ އިތުރުން ކަނޑާ ގުޅިފައިވާ ދިވެހިންގެ ސަގާފީ ގުޅުންތައް ދުނިޔެއަށް ހާމަކުރެވޭނެއެވެ.

މި ދަތުރުގައި ކަނޑައެޅިފައިވާ ރަށްތަކަކަށް މަޑުކޮށްފައިވާއިރު، ހޮޓާތަކާއި ގެސްޓް ހައުސްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަން ލިބިފައިވެއެވެ. މުޅި ދަތުރުގެ ކަންކަން ކަނޑުއަޑީގެ ވީޑިއޯގްރަފީ އާއި، ރަށްރަށަށް ކުރާ ޒިޔާރަތްތަކާއި، އިންޓަވިއުތަކާއި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ މައުލޫމާތުތަކާއެކު ޑޮކިއުމެންޓް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *