ސްރީލަންކާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއަށާއި، ބޮޑުވަޒީރު ޑޮކްޓަރ ހަރިނީ އަމަރަސޫރިޔާއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް ޑިސަނާޔަކެ އަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި އަހަރުގެ މިނިވަން ދުވަސް ސްރީލަންކާއާ ބައްދަލުކުރަނީ، އެ ޤައުމުގެ އިޤުތިޞާދު އިތުރަށް ހަރުދަނާކުރުމުގައްޔާއި، އެ ޤައުމުގައި އިޖުތިމާޢީ ހަމަޖެހުން ޤާއިމުކުރުމުގައްޔާއި، ޤައުމީ ކުރިއެރުމުގައި، އެ ޤައުމުން ވިލުންތެރިކަން ދައްކަމުންދާ ދަނޑިވަޅެއްގައިކަމަށް ވިދާޅުވެފައެވެ. އަދި ދެ ޤައުމުން ހިއްސާކުރާ ސަރަހައްދީ އަހުމިއްޔަތުތަކާއި އެއްބައިވަންތަކަމުގެ ތާރީޚުން ބާރުދޭ، ދެ ޤައުމުގެ ޒަމާންވީ ރަޙުމަތްތެރިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޮޑުވަޒީރު ޑޮކްޓަރ އަމަރަސޫރިޔާއަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ޤައުމުން ހިއްސާކުރާ ރަޙުމަތްތެރިކަމާއި އެއްބައިވަންތަކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނޭ ކަމަށް ޔަޤީން ކުރައްވާފައެވެ. ޚާއްޞަކޮށް، ދެ ޤައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތައް ކަމުގައިވާ ވިޔަފާރި، ތަރައްޤީ އަދި ސަރަހައްދީ ހަމަޖެހުން ޤާއިމު ކުރުން ފަދަ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިވަމުން ދާނޭކަމަށް ޔަޤީން ކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ، ރައީސް ޑިސަނާޔަކެ އާއި ބޮޑުވަޒީރު ޑޮކްޓަރ އަމަރަސޫރިޔާ އަށް ދުޅަހެޔޮކަމާއި ފުރިހަމަ ސިއްޙަތަކަށް އެދިވަޑައިގެން، ސްރީލަންކާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ތަރައްޤީ އާއި ފާގަތިކަން ލިބެމުންދިއުމަށް އެދިވަޑައިގެންފައެވެ.
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ޤައުމުގެ އެތައް ޤަރުނެއްވީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ސްރީލަންކާއަކީ ދިވެހިރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރުކުރެވޭ ރަހުމަތްތެރީންގެ ތެރޭގައި ހިމެނޭ ޤައުމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ސްރީ ލަންކާގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި ސާބިތު ޢަޒުމު، ޤާއިމުވެފައި އޮތުމަށް އެދިވަޑައިގަންނަވާފައެވެ.
ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 4 ވަނަ ދުވަސް ސްރީލަންކާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ، 1948 ވަނަ އަހަރު، އިނގިރޭސި އިސްތިޢުމާރުން މިނިވަންކަން ލިބުން ފާހަގަ ކުރުމަށްޓަކައެވެ.




