ހުޅުމާލެ ސައުތު ވެސްޓް މަރީނާ ޕްރޮޖެކްޓާއި ޕާކިން އަދި ކޮމާޝަލް ބިލްޑިންގް ޕްރޮޖެކްޓްގެ އެއްބަސްވުން ބާތިލްކޮށް ތަން ހުސް ކުރުމަށް އެޗްޑީސީން ދިން ނޯޓިސްއަށް އަމަލު ނުކުރަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން އެއްބަސްވެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޑެޑް (އެޗްޑީސީ) އިން ސޮއި ކޮށްފައިވަނީ ޖީޕީއެލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑާއެކުގައެވެ.
ސައުތު ވެސްޓް މަރީނާ ޕްރޮޖެކްޓްގެ އެއްބަސްވުމަކީ 6 ސެޕްޓެމްބަރު 2023 ގައި ވެފައިވާ އެއްބަސްވުމެކެވެ. ޕާކިން އަދި ކޮމާޝަލް ބިލްޑިންގް ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރީ 12 އޮކްޓޫބަރު 2023ގައެވެ.
މި ޕްރޮޖެކްޓްތަކުގެ އެއްބަސްވުންތައް ބާތިލް ކުރުމަށް އެޗްޑީސީން ނޯޓިސް ދިނީ މިދިޔަ ޖެނުއަރީ 4 ވަނަ ދުވަހުއެވެ އަދި ޕާކިން އަދި ކޮމާޝަލް ބިލްޑިންގް ޕްރޮޖެކްޓްގެ އެއްބަސްވުމުގެ ދަށުން ދިން މުހުލަތު ކަމަށްވާ ޖެނުއަރީ 4 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހުސް ކުރުމަށްވެސް އެޗްޑީސީން ވަނީ ނޯޓިސް ދީފައެވެ.
މިކަމާ ގުޅިގެން ޖީޕީއެލް ހޯލްޑިންގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުގެ ކުރިން، އެ ނޯޓިސް ތަކަށް އަމަލު ނުކުރުމުގެ ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅިއެވެ.
މި ހުށަހެޅުމާ ގުޅިގެން ކޯޓުން ނިންމި ނިންމުމުގައި ވަނީ، ސައުތުވެސްޓް މަރީނާ ޕްރޮޖެކްޓްގެ އެކުއިޒަން ފީގެ ގޮތުގައި 1.1 މިލިޔަން ރުފިޔާ އާއި ލީސް ޑިޕޮއިޓްގެ ގޮތުގައި 7 ލައްކައަށްވުރެ ގިނަ ރުފިޔާއާއެކު ޖުމްލަ 1.8 މިލިޔަން ރުފިޔާ ޖީޕީއެލްއިން އެޗްޑީސީއަށް ދައްކާފައިވާ ކަމަށެވެ. އަދި ޕާކިންގ އަދި ކޮމާޝަލް ބިލްޑިންގް ޕްރޮޖެކްޓްގެ އެކުއިޒިްޝަން ފީގެ ގޮތުގައި 1.2 މިލިޔަން ރުފިޔާ އާއި 5.1 މިލިޔަން ރުފިޔާ އާއި ޑިޕޮސިޓްގެ ގޮތުގައި 3.3 މިލިޔަން ރުފިޔާ އެޗްޑީސީއަށް ދައްކާފައިވުމާއެކު، އެހެން ކަންތައްތައްވެސް ހުރުމުން މިފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ގާނޫނީ ގޮތުން ޖީޕީއެލްއަށް ލިބިގެންވާ ކަމަށެވެ.
ދެފަރާތުން ވެފައިވާ އެއްބަސްވުންތަލާ ހިލާފަށް އެ އެއްބަސްވުންތައް އުވާލައި ބިންތައް އަތުލަން އެޗްޑީސީން މަސައްކަތް ކުރަމުން އަންނާތީ، މައުލޫއީ ދައުވާއަށް ގޮތެއް ކަނޑައެޅުމާ ހަމައަށް ޖީޕީއެލްއަށް ގާނޫނީގޮތުން ހިމާޔަތް ލިބެންޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ މައްސަލައާބެހޭ މައުލޫއީ ދައުވާ ކޯޓަށް ހުށަހެޅުމަށް ޖީޕީއެލްގެ މައްޗަށް ޝަރުތުކޮށް މި ޝަރުތާ ހިލާފު ވެއްޖެނަމަ މި ވަގުތީ އަމުރު ނިމުމަކަށް އަންނާނެ ކަމަށް ކަނޑައަޅައި، ޝަރުތާ ހިލާފް ވެގެން މި ވަގުތީ އަމުރު ނިމުމަކަށް އަތުވެއްޖައުމާއި ހަމައަށް، ނުވަތަ މައުލޫއީ ދައުވާގެ ތެެރެއިން ޝަރީއަތުން އެހެން ގޮތަކަށް ކަނޑައެޅުމާ ހަމައަށް އެޗްޑީސީ އާއި ޖީޕީއެލްއާ ދެމެދު ވެފައިވާ އެއްބައްވުންތައް ބާތިލްކޮށް ތަން ހުސް ކުރުމަށް އެޗްޑިސީން ދިން ނޯޓިސް ތަކަށް އަމަލު ކުރުން ފަސް ކުރުމަށް އެޗްޑީސީއަށް އަންގައި ސިވިލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.




