އަރަބި ކަނޑުގައި އީރާނުގެ ޑްރޯނެއް އެމެރިކާއިން ވައްޓާލައިފި

އަރަބި ކަނޑުގައި އީރާނުގެ ޑްރޯނެއް އެމެރިކާއިން ވައްޓާލައިފި

އެރޭބިއަން ސީގައި ދަތުރުކުރަމުންދިޔަ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކަށް ގާތްވި އީރާނުގެ ޑްރޯނެއް އެމެރިކާގެ އަސްކަރިއްޔާއިން ވައްޓާލައިފި ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެމެރިކާއާއި އީރާނާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ސަރަހައްދީ ބާރުތަކުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އަންގާރަ ދުވަހު ސެންޓްކޮމްގެ ތަރުޖަމާނު ޓިމް ހޯކިންސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޔޫއެސްއެސް އަބްރަހަމް ލިންކަން މަނަވަރުގައި އޮތް އެމެރިކާގެ އެފް-35ސީ މަރުކާގެ ފައިޓާ ޖެޓަކުން އީރާނުގެ ޑްރޯން ވައްޓާލީ އަމިއްލަ ދިފާއުގައި، މަނަވަރާއި އޭގައި ތިބި ފަޅުވެރިންގެ ސަލާމަތަށްޓަކައި ކަމަށެވެ. "ޝާހިދު-139″ މަރުކާގެ މި ޑްރޯން ވައްޓާލާފައިވަނީ އީރާނުގެ ދެކުނު އައްސޭރިފަށާ ގާތްގަނޑަކަށް 800 ކިލޯމީޓަރު (500 މޭލު) ދުރުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައެވެ.

ސެންޓްކޮމް އިން ހާމަކުރި ގޮތުގައި، މި ޑްރޯން މަނަވަރާ ދިމާލަށް ދަތުރުކުރީ ވަރަށް ނުރައްކާތެރި ގޮތަކަށެވެ. އަދި ނުތަނަވަސްކަން ކުޑަކުރުމަށް އެމެރިކާގެ ފައުޖުތަކުން ފިޔަވަޅުތަކެއް އެޅި ނަމަވެސް، ޑްރޯންގެ މިސްރާބު ބަދަލުނުކޮށް މަނަވަރާ ދިމާލަށް ދަތުރުކުރަމުން ދިޔަ ކަމަށް އެމެރިކާއިން ބުނެއެވެ. މި ހާދިސާއާ ގުޅޭގޮތުން އީރާނުގެ ކަމާބެހޭ ފަރާތްތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ކުރިމަތިލުން ހިނގާފައި މިވަނީ، އީރާނުގައި ކުރިއަށްދިޔަ ސަރުކާރާ ދެކޮޅު މުޒާހަރާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރުތައް ތަކުރާރުކޮށް ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާރުއެޅުމުގެ ގޮތުން ޓްރަމްޕް ވަނީ މިދިޔަ ހަފުތާގައި ޔޫއެސްއެސް އަބްރަހަމް ލިންކަން އެ ސަރަހައްދަށް ފޮނުވާފައެވެ.

ނަމަވެސް، ދޭދޭ ގައުމުތަކުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކާއެކު، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އަންގާރަ ދުވަހު ވިދާޅުވީ، އިންސާފުވެރި އަދި ހަމަހަމަ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް އެ ގައުމުގެ ފޮރިން މިނިސްޓަރަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *