ރަޝިޔާއިން ތެޔޮ ގަތުން ހުއްޓާލުމަށް އިންޑިއާއިން އެއްބަސްވުމާ ގުޅިގެން، އެމެރިކާއިން އިންޑިއާއަށް ކަނޑައަޅާފައިވާ ބައެއް ވިޔަފާރީގެ ޓެރިފްތައް ކުޑަކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.
ހޯމަ ދުވަހު ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރުތް ސޯޝަލް' މެދުވެރިކޮށް އިއުލާން ކުރެއްވި ގޮތުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ކުރެވުނު މަޝްވަރާ ތަކަށްފަހު ދެ ގައުމުގެ ދެމެދުގައި ވަނީ މުހިންމު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރެވިފައެވެ.
މި އެއްބަސްވުމުގެ ދަށުން، ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލުމަށް މޯދީ ވަނީ ވައުދުވެވަޑައިގެންފައެވެ. އަދި އިންޑިއާއިން މީގެ ފަހުން ތެޔޮ ގަތުމުގައި އެމެރިކާ ނުވަތަ ވެނެޒުއޭލާއަށް އިސްކަންދޭނެ ކަމަށް ބެލެވެއެވެ.
މި އެއްބަސްވުމުގެ ބަދަލެއްގެ ގޮތުން، އެމެރިކާއިން އިންޑިއާގެ މުދަލުން ނަގަމުންދާ 25 އިންސައްތައިގެ ޓެރިފް 18 އިންސައްތައަށް ދަށްކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، އިންޑިއާއިން އެމެރިކާގެ މުދަލުން ނަގާ ޓެރިފް ސުމަކަށް ދަށްކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ. ވައިޓް ހައުސްގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، ރަޝިޔާގެ ތެޔޮ ގަތުމާ ގުޅިގެން އިންޑިއާއަށް އިތުރަށް ކުރިމަތިކޮށްފައިވާ 25 އިންސައްތައިގެ ޖޫރިމަނާ ޓެރިފްވެސް މިހާރު ވަނީ އުނިކޮށްފައެވެ.
ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި މިއީ ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ރަޝިޔާއަށް ތެލުގެ ވިޔަފާރިން ލިބޭ އާމްދަނީ ކަނޑާލުމަކީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެޅޭ ބާރެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. މި މަސައްކަތުގައި އެމެރިކާއަށް ލިބުނު ބޮޑު ކާމިޔާބީއަކީ ދާދިފަހުން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯއާ ގުޅޭގޮތުން ހިނގި ހާދިސާތަކަށްފަހު، އެ ގައުމުގެ ތެލުގެ މައްޗަށް އެމެރިކާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބުމެވެ.
"ބޮޑުވަޒީރު މޯދީއާ އޮތް ގާތް ރަހުމަތްތެރިކަމާއި އިހުތިރާމުގެ ސަބަބުން، އަދި އެމަނިކުފާނުގެ އެދިލެއްވުމުގެ މަތިން، ވަގުތުން އަމަލު ކުރަން ފަށާ ގޮތަށް އެމެރިކާއާއި އިންޑިއާއާ ދެމެދު މި ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރަން އަޅުގަނޑުމެން އެއްބަސްވެއްޖައިން،" ޓްރަމްޕް ވިދާޅުވިއެވެ.
ރަޝިޔާގެ ތެލަށް އިންޑިއާއިން ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެމެރިކާއިން ބާރުއަޅަމުންދާތާ މަސްތަކެއް ވެފައިވާއިރު، މިދިޔަ އަހަރު އެމެރިކާއިން ވަނީ މިކަމާގުޅިގެން އިންޑިއާއަށް އިތުރު ޓެރިފްތަކެއްވެސް ކުރިމަތިކޮށްފައެވެ.




