މެދުއިރުމަތީގައި ސަރަޙައްދީ ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވެފައިވަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނާއެކު ސީދާ މަޝްވަރާތަކަށް ދިއުމަށް ބޭނުންވާކަމުގެ އިޝާރާތެއް ދީފިއެވެ.
ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް އާއި އީރާނުގެ އިސް އޮފިޝަލުންނާ ދެމެދު ތުރުކީގެ އަންކާރާގައި މަތީ ފެންވަރުގެ ބައްދަލުވުމެއް ބޭއްވުމަށް ތުރުކީ، މިޞްރު އަދި ޤަޠަރުން ދަނީ މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ.
އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، ބޮޑާކަމާއި ކިބުރުވެރިކަމުގައި ގަދަބަސް ބުނަމުން އައި ޓްރަމްޕްގެ ރާގު މިހާރު ވަނީ ބަދަލުވާން ފަށާފައެވެ.
ތުރްކިޔޭ އާއި މިޞްރާއި ޤަޠަރުން ގުޅިގެން ކުރި މަސައްކަތުން ހަމަޖެހުނު މި ބައްދަލުވުމުގެ އެޖެންޑާ އަދި ނޭނގޭއިރު، އެމެރިކާ އިން މަސައްކަތް ކުރަނީ ނިއުކްލިއާ ހަތިޔާރު ނެތްކަން ކަށަވަރުކޮށްދޭ އެއްބަސްވުމެއް ހެދުމަށެވެ.
އީރާނުން ބުނެފައި ވަނީ އެމެރިކާއާއެކު މަޝްވަރާ ކުރެވިދާނެ ކަމަށާއި ނަމަވެސް އީރާނުގެ ސަލާމަތީ ކަންކަމާއި ގުޅޭގޮތުން ކުރާނެ މަޝްވަރާއެއް ނޯންނާނެ ކަމަށެވެ.
މަޝްވަރާތައް ނާކާމިޔާބު ވެއްޖެނަމަ ދެން ހަދާނެ ގޮތަކާއި މެދު މަޝްވަރާ ކުރުމަށް އިސްރާއީލުގެ އަސްކަރީ ވެރިޔާ ވަނީ ވޮޝިންޓަނަށް ގޮސްފައިކަން ފާހަގަ ކުރެވެއެވެ.
އެމެރިކާ އިން ބުނެފައި ވަނީ އީރާނުން ގޮތް ދޫނުކުރާ ނަމަ ޙަމަލާދޭނެ ކަމަށެވެ.




