ޑިވެލޮޕްމެންޓު ބޭންކަށް ބޭންކިން ވިޔަފާރި ފެށުމަށް ހުއްދަ ދީފި

ޑިވެލޮޕްމެންޓު ބޭންކަށް ބޭންކިން ވިޔަފާރި ފެށުމަށް ހުއްދަ ދީފި

ލުއި ގޮތެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމަށް އުފައްދާފައިވާ ޑިވެލޮޕްމެންޓު ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)އަށް ބޭންކިން ވިޔަފާރިކުރުމުގެ ހުއްދަ މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމެންޓު ބޭންކު ގާއިމުކުރެއްވުމަށް ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގައި ޑިވެލޮޕްމެންްޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް އުފެއްދެވީ 2024، 16 މޭ ގައެވެ.

މި ކުންފުނީގެ ބޭނުމަކީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށާއި، ސަރުކާރުން ކަނޑައަޅާ މުހިއްމު މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޭނުންވާ ފައިނޭންސް ހޯދުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށް، ދެމެހެއްޓެނެވި އިޖުތިމާއީ އިގުތިސާދީ ތަރައްގީއަށް އިންވެސްޓުކުރުމަށާއި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމަށް އުފެއްދި ބޭންކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އޮކްޓޯބަރު 13، 2024 ވަނަ ދުވަހު މަރުކަޒީ ބޭންކުންވަނީ މި ބޭންކަށް ބޭންކިން ލައިސެންސް ދޫކޮށްފައެވެ. އަދި އެ ބޭންކުންވަނީ ބޭންކިން ވިޔަފާރި ފެށުމަށްވާންޖެހޭ ތައްޔާރީތައް ވެފައެވެ. އެއާއެކު މިހާރު މަރުކަޒީ ބޭންކުންވަނީ ޑީބީއެމްއަށް ބޭންކިން ވިޔަފާރި ކުރުމުގެ ހުއްދަ ދީފައެވެ.

ޑިވެލޮޕްމެންޓު ބޭންކެއް ގާއިމުކުރައްވައި، ތަރައްގީގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފައިސާ ހޯދޭނެ ދެމެހެއްޓެނެވި އިންތިޒާމެއް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މިފަދަ ބޭންކުތަކަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ކުރިއެރުމުގައި ވަރަށް ބޮޑަށް ހިއްސާވާ ބޭންކުތަކެއް ނަމަވެސް ރާއްޖޭގައި މިހާތަނަށް މިފަދަ ބޭންކެއް ގާއިމުކުރެވިފައި ނެތެވެ.

މި ބޭންކާއެކު ރާއްޖޭގައި ސަރުކާރުން ކަަނޑައަޅާ މުހިއްމު ދާއިރާތަކުން އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް ފަހި ފަސޭހަ އުސޫލުތަކެއްގެ ތެރެއިން ފައިނޭންސް ދޫކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމުގައި ރައީސްވަނީ ވިދާޅުވެފައެވެ. އަދި މިއީ ރާއްޖޭގެ އިގުތިސާދު އައު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހާއްސަކޮށް ފަތުރުވެރިކަމާއި ރިއަލް އެސްޓޭޓު ފަދަ ވިޔަފާރިތަކާއި ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް މި ބޭންކު މެދުވެރިކޮށް ފައިސާ ހަމަޖެހިގެންގޮސް ރާއްޖޭގެ އިގުތިސާދުގައި ފައިސާ ހިފަހެއްޓޭނެ ގޮތްތަކެއް ފަހިކުރެވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *