މިއީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ދިވެހިން ފެށި އުއްމީދީ ދަތުރެއްގައި، ބޭނުންވި މަންޒިލަށް ވާސިލްވެވުނު އުފާވެރި ދުވަހެވެ.
2004 ވަނަ އަހަރުގެ އޭޕްރިލް މަހު، މަކާއޯއިން ދިވެހިން ބަލަން ފެށި ހުވަފެނުގައި މިއަދު މިވަނީ ޙަޤީޤީ ކުލަ ޖެހިފައެވެ. އެތައް އަހަރެއް ވަންދެން، އެތައް ބަޔަކު ކުރި ބުރަ، މިންނެތް މަސައްކަތުގެ ފޮނި މީރުކަން މުޅި ދިވެހި ޤައުމަށް މިއަދު މިވަނީ ލިބިފައެވެ.
ރާއްޖޭގައި ރަސްމީ ފެންވަރެއްގައި ފުޓްސަލް ކުޅެން ފެށީ މީގެ 22 ވަރަކަށް އަހަރު ކުރިންނެވެ. ނަމަވެސް، މި ކުޅިވަރުގެ ފޯރި ރާއްޖޭގައި ގަދަވެ، ރާއްޖޭގެ އެއްވަނަ ކުޅިވަރުގެ ގޮތުގައި އޮތް ފުޓުބޯޅަ ފަހަތަށް ޖައްސާލިތާ އަދި މާ ގިނަ އަހަރުތަކެއް ނުވެއެވެ. މި ކުރު މުއްދަތުގެ ތެރޭގައި ފުޓްސަލް ވަނީ ދިވެހިންގެ ލޭނާރާ ގުޅިފައިވާ ކުޅިވަރަކަށް ވެފައެވެ.
ފުޓްސަލްގެ ފޯރި ގަދަވި ނަމަވެސް، ރާއްޖެއަށް ބައިނަލްއަޤްވާމީ ފެންވަރެއްގައި ކާމިޔާބީއެއް ހޯދިދާނެކަމަށް ޤަބޫލުނުކުރާ މީހުން ވެސް އުޅުނެވެ. "ދިވެހިންނަކަށް ނުވާނޭ، ދިވެހިންނަށް އޮތީ މުބާރާތްތަކުގައި ބައިވެރިވުމާއި ކަޓައިގެން އައުމޭ" ބުނި މީހުން ވެސް މަދެއް ނޫނެވެ. އެހެން ނަމަވެސް، ފުޓްސަލްއަކީ ދިވެހިންނަށް ކުރިއެރުންތަކަކާއި ކާމިޔާބީތަކެއް ހޯދިދާނެކަމަށް ގަބޫލުކުރި މީހުންގެ ޢަދަދު ވެސް ވަކި މަދެއް ނޫނެވެ. "އުއްމީދެއް އޮތިއްޔާ ދިރުމެއް ވާނެ" ކަން މިއަދު މިވަނީ ސާބިތުކޮށްދީފައެވެ.
ސަރަޙައްދީ ފެންވަރުގައި ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި މިއަދު ދިވެހިން އުފުލާލީ، ދިވެހި ކުޅުންތެރިންގެ ހިތްވަރާއި މިންނެތް މަސައްކަތުންނެވެ. ނަތީޖާ ކިތަންމެ ބަލާލަން ފަސޭހަވެފައި ހިތްގައިމުވި ނަމަވެސް، މިހާ ހިސާބަށް އާދެވުނީ ބަޔަކު ހާދަ މަސައްކަތެއް ކޮށްގެން ހާދަ ބޮޑު ގުރުބާނީއެއް ވެގެންނެވެ.
މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ދިވެހި ޓީމަށް މަރުޙަބާ ކިޔަމުންނެވެ. މި ކާމިޔާބީއަށް ވާސިލްވުމަށްޓަކައި އެތައް އަހަރެއް ވަންދެން ކުޅުންތެރިންނާއި، ކޯޗުން އަދި އޮފިޝަލުން ކުރި ގުރުބާނީއާއި މަސައްކަތުގެ ވާހަކަ ހިމަނަންވެއްޖެ ނަމަ، އެކަމަށް ބޭނުންވާނީ ސިލްސިލާ ވާހަކަތަކެކެވެ. މިއަދަކީ ދިވެހި ފުޓްސަލްގެ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ދުވަހެކެވެ.




